ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭއި މަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވި އެއް ބޮޑީ ގާޑުގެ އޮޕަރޭޝަނެއް މާދަމާ ކުރަން ހަމަޖެހިއްޖެއެވެ.
އެމްޑީޕީ ލައިވް އިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތް ކުރި ބޮޑު ގާޑު ކަމަށްވާ ސާޖަންޓް އިލްހާމް އާދަމް ގެ ކަނދުރާގެ ޑިސްކް ހަލާކުވެފައި ވާތީ މާދަމާ އައިޖީއެމްއެޗް ގައި އޮޕަރޭޝަން ކުރާނެ ކަމަށެވެ.
ބޮމުގެ ހަމަލާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑުންނަށްވެސް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. އެގޮތުން ހަމަލާ ދިން ރޭ ނަޝީދުގެ ކަނާތް ފަރާތުގައި ބޮޑީގާޑު މަޑުކޮށްގެން ހުއްޓާ ކުއްލިއަކަށް ބާރު އަޑަކާއެކު އެއްޗެއް ގޮވައި، ބުރައިގެން ދިޔަ އެތިއެތިކޮޅުތައް ވަނީ ބޮޑީގާޑުގެ އަތަށާ ފަޔަށް ހެރިފައެވެ.
ބޮމުގެ ހަމަލާގައި ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީއަށް ރައީސް ނަޝީދުގެ ބޮޑީ ގާޑުންވެސް ހާޒިރުކޮށް ވަނީ ބަޔާން ނަގާފައެވެ.