މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުުން ދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަން ތަކެއްގައި ހަތަރު ގެއެއް ބަލާފާސްކޮށް މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ތިން ދިވެހިން ކަމަށާއި އެއީ 22 އަހަރުގެ ފިރިހެނަކާއި 26 އަަހަރުގެ ފިރިހެނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ މީހުން ހައްޔަރު ކުރި ތަންތަނާއި ވަގުތުވެސް ހާމަކޮށްފައެވެ. އެހެން ނަމަވެސް އެ މީހުންގެ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

މި ތިން މީހުންގެ ތެރެއިން 22 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ރޭ 22:44 ހާއިރު، އޭނާ ދިރިއުޅޭ ގެ ކައިރިންނެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރި އިރު އެގޭގެ ގޯތިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއިި ހަތަރު ރަބަރު ޕެކެޓު ހޯދާފައި ވެއެވެ.

ކ.ގުޅީ ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި ކ. ގުޅި ޕޮލިސް ޑެސްކު ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގުޅީ ގެއެއް ބަލާ ފާސްކޮށް މި މަހުގެ 25 ވަނަ ދުވަހު 08:17 ހާއިރު 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ.

އޭގެ އިތުރުން ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މީދޫ ގެއެއް ބަލާ ފާސްކޮށް މިމަހުގެ 25 ވަނަ ދުވަހުގެރޭ 00:10 ހާއިރު 39 އަހަރުގެ މީހަކު ހައްޔަރު ކޮށްފައި ވެއެވެ. މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ހޯދާފައި ވެއެވެ.

އަދި އައްޑޫސިޓީ ހުޅުމީދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުޅުމީދޫ ގެއެއް ބަލާފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓު ހޯދާފައި ވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.