ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެޖެންޓުން މެދުވެރިކޮށް އިތުރު 12 ރަށެއްގައި ފައިސާ ޖަމާ ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، މި ހިދުމަތް ދޭން ފެށި ރަށްތަކަކީ ހއ. މާރަންދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހަދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުށި ކަމަށެވެ. ފައިސާ ޖަމާ ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފް ކޮށްފައިވާ އިރު، މިއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ރަށްތަކުގައި ގާއިމްކުރެވުނު މި ހިދުމަތާ އެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެއެވެ. އަދި މީގެ އިތުރުން ކަސްޓަމަރަކަށް އެއްވެސް ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާ ނެގޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފް ކުރެވުނު ހިދުމަތެކެވެ.

އެއްވެސް ފީއަކާ ނުލައި ބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތާއި 60 އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ފޯރުކޮށް ދެމުންނެވެ.