ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގައި ތަންފީޒު ކުރަމުން އަންނަ ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކާ ހިލާފުވެވަޑައިގެންނެވި އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު، މެޓް ހެންކޮކް، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ކަމުގެ މަގާމުން ހެންކޮކް އިސްތިއުފާ ދެއްވީ، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމުގެ އުސޫލާ ހިލާފަށް، އެކުގައި މަސައްކަތް ކުރައްވާ މުވައްޒަފަކަށް ބޮސްދެއްވި މައްސަލާގައި ކަމަށް ހަބަރު ލިބެއެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ފޮނުއްވި ސިޓީއެއްގައި ހެންކޮކް ވިދާޅުވީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އާންމު ރައްޔިތުންނެއް އެތައް ގުރުބާނީއެއް ވަމުން ދާ ކަމަށާ، ނަމަވެސް މި އަމަލާއެކު، އެ ރައްޔިތުންނަށް ހިތާމަ ދެވިފައި ވާ ކަމަށެވެ.

ބޮރިސް ޖޯންސަން ވަނީ، ހެންކޮކްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތުމުން، އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެކުގައި މަސައްކަތް ކުރައްވަމުން ދިޔަ މުވައްޒަފަކަށް ހެންކޮކް ބޮސްދެއްވާ މަންޒަރު، އިނގިރޭސި މީޑިއާގައި ދައުރު ކުރަން ފެށުމާއެކު، ގިނަ ބަޔަކު ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. ހެންކޮކް ބޮސްދެއްވީ، ޑިޕާޓްމަންޓް އޮފް ހެލްތުގެ ނޮން އެގެޒެކެޓިވް ޑައިރެކްޓާގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ޖީނާ ކޯލާޑްއެންޖެލޯއަށެވެ. މި ހާދިސާއާ ގުޅިގެން، ކޯލާޑްއެންޖެލޯވެސް އޭނާގެ މަގާމު ދޫކޮށްލައްވާނެ ކަމަށް ހަބަރު ލިބެއެވެ.