އެމްޑީޕީގެ މިސްރާބަށް އަދި ދުވެއްޔަށް އިރާދަކުރެއްވިއްޔާ ބަދަލެއް ނާންނާނެކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ އެމްޑިޕީއަށް 16 އަހަރު ފުރޭ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މެންބަރުންނަށް މަރުހަބާ ދަންނަވަމުން ލަތީފް ވިދާޅުވީ އެޕާޓީ މިހާ ހިސާބަށް ގެނެސް ދިނުމުގައި އެކި ޒަމާން ތަކުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުުންނަށް ޝުކުރުއަދާކުރައްވާ ކަމުގައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރެވެނީ އެޕާޓީއަށް ތާއީދުކުރާ އަދި އެ ޕާޓީގެ މެންބަރުންނަށް ބޮޑު ސިހުމަކާ ހިތާމައެއް ލިބިފައިވަނިކޮށެވެ.

އެމްޑިޕީން ބުނެފައިވަނީ މި ވަގުތަކީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ ޒަހަމްކޮށްލާފައިވާ ވަގުތެއް ކަމަށެވެ. އަދި އެ ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ އިތުރުން އެ ޕާޓީގެ ފިކުރަށާ އެ ޕާޓީ ބިނާވެފައިވާ އަސްލުތަކަށް އަދި އެ ޕާޓީގެ ނުގުޑާ އަޒުމަށާ ހިތްވަރަށް ވެސް ދިން ހަމަލާއެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އެޕާޓިގެ ހުރިހާ މެންބަރުންނަށް އެޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ އަރިސްކުރައްވާފައެވެ.

އެމްޑީޕީ އަކީ ދިވެހިންނަށް ސިޔާސީ، އިޖުތިމާއީ، އިގްތިސޯދީ އަދި ފަރުދީ މިނިވަންކަމާ އިންސާނީ ހައްގުތަކާ އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެއް ކަމަށާ، ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދައިން އެ ޕާޓީގެ ފިކުރަކީ މި ގައުމުން ފޮހެލެވޭނެ ފިކުރެއް ނޫންކަމަށް އެޕާޓިން ބުނެއެވެ.

އެމް.ޑީ.ޕީށް 16 އަހަރު ފުރުން ފާހަގަކޮށް ދިދަ ނަގައިފި

އެ ޕާޓީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ދިދަނެގުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފައެވެ.