ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް 16 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. .

މިއަދު ހެނދުނު 6:00 ގައި އެމް.ޑީ.ޕީ ހަރުގޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު އެ ރަސްމިއްޔާތަށް ފަހު ވަނީ އެމްޑީޕީ އޮފީހުގައި ވެސް ދިދަ ނަގާފައިވެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެ އަހަރީ ދުވަސް ފާހަގަކޮށް ދިދަ ނަގާފައިވެއެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ދިދަ ނަގާފައިވަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އަދި މި ރަސްމިއްޔާތުގައި ގައުމީ ދިދަ ވެސް ނަގާފައިވާއިރު ގައުމީ ދިދަ ނަގާފައިވަނީ އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒެވެ.

މި ރަސްމިއްޔާތުގައި އެމް.ޑީ.ޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވެސް ވާޗުއަލްކޮށް ބައިވެރިވެފައިވެއެވެ.

ދިދަ ނެގުމަށްފަހު އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ ވާހަކަ ދައްކަވާފައެވެ. ތިން ބޭފުޅުންގެ ވާހަކައިގައި އެމް.ޑީ.ޕީ އުފެދުނު ހިސާބުން މިއަދާ ހަމައަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ކުރެވިފައިވާ ބައެއް މުހިންމު މަސައްކަތްތަކުގެ ވާހަކައަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެމް.ޑީ.ޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު 4 ޖަހާއިރު އެމް.ޑީ.ޕީގެ ގައުމީ މަޖިލީސް ބައްދަލު ކުރާއިރު މިރޭ 8 ޖަހާއިރު ރައީސް ނަޝީދު ''ކްލަބް ހައުސް '' އެޕް އިފްތިތާހު ކުރަން ވަނީ ހަމަޖެހިފައެވެ. އެމް.ޑީ.ޕީގެ 16 ވަނަ އަަހަރީ ދުވަހުގެ ހަރަކާތްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.