މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަން މިނިސްޓްރީ އޮފް އެންވާރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރު ޒޭން ޓާއޯއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފާ ސްޓޭޝަނެއް ގާއިމުވުމާ އެކު، މާލެ އަދި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮއިންޓެއިނަރު ތަކުގައި ބެހެއްޓޭނެ ކަމަށާއި މީގެ ސަބަބުން މޫދަށާއި ކަނޑަށް ކުނި އެޅޭ މައްސަލައަށް ޖުމްލަ ގޮތެއްގައި ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
މިއެއްބަސްވުމުގެ ޖުމްލަ އަގަކީ 11,868,751.66 ޑޮލަރު އަދި 600،000 ރުފިޔާއެވެ. މިއީ އެހީދޭ ޖަމާއަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭއެފްފީއާއާރް އަދި ޓީއޭއެސްއެފްގެ އެހީއާ އެކު އެންވާރަންމަންޓް މިނިސްޓްރީން ގްރޭޓާ މާލެ އެންވާރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ފޭސް 1 ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 1 އަހަރާއި 4 މަސް ދުވަހުގެ ތެރޭގައެވެ.
އެންވާރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ މަގްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރާ ނިޒާމެއް ގްރޭޓާ މާލެ ސަރަހައްދު އަދި ޒޯން 3 ގެ ރަށްތަކުގައި އެކުލަވާލުމެވެ. މި ޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެއްވަން ފިޔަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް އަދި ކާރިސާތަކަށް ވިލުންވެރި (ކްލައިމެޓް އެނޑް ޑިޒާސްޓާ ރެސިލިއަންޓް) ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށު ފެންވަރުގެ ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ގާއިމު ކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.
އަދި ދެވަނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓް ކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.