ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުން އަންނަ ޔަހޫދީން އާބާދު ކުރުމުގެ މަޝްރޫއުތައް މިހާރުން މިހާރަށް ހުއްޓާލުމަށް، އދ އިން ގޮވާލައިފިއެވެ.

ހުޅަނގު އައްސޭރިއާއި ގުދުސްއަށް ޔަހޫދީ އާބާދުތައް ފަތުރައިގެން، އެ ކޮންޓްރޯލް އިތުރަށް ފުޅާ ކުރުމަށް އިޒްރޭލުން ހިންގަމުންދާ މަޝްރޫއުތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލެއް ކަމަށާ، ޔަހޫދީން އާބާދު ކުރުމަށް އިޒްރޭލުން ހިންގާ މަޝްރޫއުތައް މިހާރުން މިހާރަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް، އދއިން ވަނީ، އިޒްރޭލުގެ އާ ސަރުކާރަށް އަންގާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާއި އދއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ތޯ ވެންސްލަންޑް ވަނީ، އިޒްރޭލުން ހިންގާ އާބާދު ކުރުމުގެ މަޝްރޫއަކީ ގާނޫނީ ސައްހަކަން ގެއްލިފައި ވާ މަޝްރޫއެއް ކަމަށް ބަޔާންކޮށް، އދގެ ސަލާމަތީ މަޖިލީހުން 2016 ވަނަ އަހަރު އެކުލަވާލި ގަރާރު ތަންފީޒު ވަމުން ދާ ގޮތުގެ ރިޕޯޓެއް ދެއްވާފައެވެ.

ގުޓެރޭޒް ތައްޔާރު ކުރައްވާފައި ވާ 12 ސޮފުހާގެ ރިޕޯޓާ ބެހޭ ގޮތުން ބަޔާން ދެއްވަމުން ވެންސްލަންޑް ވިދާޅުވީ، ހަރް ހޯމާގައި އިޒްރޭލުން 549 ހައުސިންގް ޔުނިޓް އެޅުމަށް ނިންމި ކަމާ މެދު، އދގެ ސެކްރެޓަރީ ޖެނެރަލް ހުންނެވި އިންތިހާއަށް ކަންބޮޑުވެވަޑައިގެންފައި ކަމަށެވެ.

ގަރާރަށް 4 އަހަރާއި ބައިގެ މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، އަމަލު ނުކުރެވޭ ކަންތައްތަކެއް ހުރި ކަން ގުޓެރޭޒްއާއި ވެންސްލަންޑް ވަނީ ފާހަގަ ކުރައްވާފައެވެ.

އެތައް އަހަރެއް ވަންދެން ޝައިހް ޖައްރާގައި ދިރިއުޅެމުން ދިޔަ މާމައެއް (މ) އޭނާގެ ދަރިންނާއެކު ގެއިން ނެރެނީ / ފޮޓޯ: ދަ ނޭޝަން

ޔަހޫދީން އާބާދުތައް ފުޅާ ކުރުމަށް އިޒްރޭލުން ހިންގަމުންދާ މިފަދަ އަމަލުތަކަކީ، މެދުއިރުމަތީގެ ސުލްހައަށް ކޮންމެހެން ބޭނުންވާ، ވަކިވެފައިވާ 2 ދައުލަތް އުފެއްދުމަށާ، ދެމެހެއްޓެނިވި މާނައެއް އޮތް ސުލްހައެއް ގާއިމު ކުރުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ކުރުމަށްވެސް އެޅޭ ހުރަހެއް ކަމަށް އދގެ މަންދޫބު ވިދާޅުވިއެވެ.

ޔަހޫދީން އާބާދު ކުރުމަށް ކަމަށް ބުނެ، ފަލަސްތީނު ރައްޔިތުންގެ ގެތައް ބިމާ ހަމަކޮށް ސުންނާފަތި ކުރަމުން ދާ ދިއުން ހުއްޓުމަކަށް ގެނައުމަށްވެސް ގުޓެރޭޒްއާއި ވެންސްލަންޑް ވަނީ އިޒްރޭލަށް ގޮވާލައްވާފައެވެ.

އިޒްރޭލުން ދަނީ، ޔަހޫދީން އާބާދު ކުރުމުގެ މަޝްރޫއަކީ ޣައިރު ގާނޫނީ މަޝްރޫއެއް ނޫން ކަމަށް ބުނަމުންނެވެ.