ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މިފަދަ ގިނަ މަސައްކަތްތައް ކުރަމުންދާ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށަފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 100 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މި މަހުގެ 21 ގައި މަސައްކަތް ފަށާފައިވާ މި ޕްރޮޖެކްޓްގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅަށެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

5 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޓީސީސީއާ ހަވާކޮށްފައިވާ މަސައްކަތެެކެވެ.