ސްޓެލްކޯގެ ސްމާޓް މީޓަރު އާންމުންނަށް ގަންނަށް މި އަހަރުތެރޭ ހުޅުވާލާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެެއެވެ.

މުޣުނީ ވިދާޅުވީ ސްމާޓް މީޓަރު ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެ މީޓަރު މިއަހަރު ތެރޭ އާންމުންނަށް ގަންނަން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ސްމާޓް މީޓަރު ހަރުކޮށްގެން ޓެސްޓުކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސް ބޭނުންވާ ގޮތަށް ޓްރާންސްމިޓް ކުރޭތޯ މިހާތަނަށް ބަލާފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން މުޢުނީ ވިދާޅުވީ، ސްމާޓް މީޓަރު ބެހެއްޓުމަށް މާލެ އާއި ހުޅުމާލޭގައި ވެސް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަނީ ނިމިފައި ކަމަށެވެ. އެގޮތުން ހުޅުމާލެއަށް ބޭނުންވާ 7،000 ސްމާޓް މީޓަރު މިހާރު ލިބިފައި އެބަހުރި ކަމަށް މުޣުނީ ވިދާޅުވިއެވެ. އެ މީޓަރުތައް ހަރުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން ކުރަމުންދާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

އެ މީޓަރުތަކާ އެކު ބޭނުން ކުރާނެ ސްމާޓް އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ދަނީ ކުރަމުންނެވެ. އޭރުން އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުގެ ގޭގެ މީޓަރާ ގުޅޭ މައުލޫމާތުތައް ލިބުމާއި މީޓަރު ކޮންޓްރޯލް ކުރުން ފަދަ ހުރިހާ ކަމެއް ކުރެވޭނެއެވެ.