ހިނގަމުން މިދާ 1442 ވަނަ އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން އަދާ ކުރުމަށް އަންނަ ފަރާތްތައް ބަލައިގަތުމަށް އިދާރީ ގޮތުންނާއި ހިދުމަތް އަދި ސިއްހީ އިމުގެ ތެރެއިން ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވެ ނިމިފައި ވާ ކަމަށާ، ސައުދީ އަރަބިއްޔާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މާތްވެގެންވާ 2 މިސްކިތުގެ އިދާރީ ބެލެހެއްޓުންތެރި އިދާރާގެ ރިޔާސަތުން ބުނީ، މައިދާނުގެ އިތުރުން އިދާރީ ދާއިރާތަކުން އެކި އޭޖެންސީތަކާ އިދާރާތަކުން، ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަނީ ދުރާލާ އެކުލަވާލާފައިވާ ޕްލޭންތަކާއި މަޝްރޫއުތަކުގެ ތެރެއިން ކަމަށެވެ.

1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން / ފޮޓޯ: ޓްވިޓާ

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމުގެ ނުރައްކަލަށް އަދިވެސް ނިމުން އައިސްފައި ނުވާއިރު، މިއަހަރުވެސް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު، ސައުދީއިން ހުޅުވާލީ، އެ ގައުމުގައި ތިބި މީހުންނަށް އެކަންޏެވެ. ހައްޖުވުމުގެ ފުރުސަތު 60000 މީހަކަށް ދިނުމަށް ސައުދީން ކަނޑައަޅާފައި ވާއިރު، ސައުދީގެ ރައްޔިތުންނާއި ސައުދީގައި ތިބި ބިދޭސީންނަށްވެސް މި ފުރުސަތު ހުޅުވާލިއެވެ.

ރަޖިސްޓްރީވުމަށް ހުވާލި މުއްދަތު ހަމަވިއިރު 540000 އަށް ވުރެ ގިނަ މީހުން، ހައްޖުވުމަށް އެދި ހުށަހަޅާފައި ވާ ކަމަށް ހަރަމައިން ޝަރީފައިން އިން ހަބަރުދެއެވެ. އަދި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަންތައް، ޖޫން 25 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި އަހަރު ހައްޖުވާން އެދޭ މީހާގެ ކިބާގައި ފުރިހަމަ ވާން ޖެހޭ މައިގަނޑު ޝަރުތުތަކެއްވެސް ސައުދީން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި:

  • އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވުން
  • ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ލިބިފައި ވުން (ބަލި ޖެހިގެން ރަނގަޅުވެ ދިފާއު ލިބިފައި ވުން ނުވަތަ ވެކްސިންގެ ފުރަތަމަ ޑޯޒްއާއެކު ދިފާއު ހޯދާފައިވުން)
  • ދާއިމީ ބަލިތަކުން ސަލާމަތްވެފައިވާ މީހަކަށް ވުން
  • ސައުދީގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތަކަށް ވުން ނުވަތަ ސައުދީގައި ދިރިއުޅެމުންދާ އެހެން ގައުމެއްގެ ރަށްވެއްސަކަށް ވުން
  • ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖެއް ވެފައި ނުވާ މީހަކަށް ވުން ހިމެނެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެދޭ އަންހެނުންނަށް، މަހްރަމަކާ ނުލާ، އެހެން އަންހެން ހާޖީންނާއެކު، ހައްޖުގެ އަޅުކަން އަދާ ކުރެވޭނެ ފުރުސަތުވެސް، ސައުދީން ވަނީ ދީފައެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ގެފުޅުގެ އުރަކޮޅު ފަރުމާ ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ / ފޮޓޯ: ޓްވިޓާ

5 ލައްކައަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައި ވާއިރު، 150 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ހަބަރު ލިބެއެވެ. އޭގެ ތެރެއިން 41 ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށް މައުލޫމާތު ލިބެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން