ބޭރު ޓީޗަރުންނަށް ދޭ އިނާޔަތް ދިވެހި ޓީޗަރުންނަށް ދޭ ނަމަ ތީޒަރުން ލިބުމުގެ ދަތިކަމާ ކުރިމަތީލާން ނުޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހިންގާ ސުކޫލުތަކަށް ޤުރުއާން އަދި އަރަބި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބުމުން އެ މާއްދާ ކިޔަވައިދޭނެ ޓީޗަރުން އިންޑިއާއިން ގެންނަން ޖެހުނީ ކަމަށް އެޑިއުކޭޝަން މިނިސްތްރީން ބުނުމުންނެވެ.

އަލީ ހުސައިން ވިދާޅުވީ، ބޭރު ޓީޗަރުންނަށް ދޭ ގޮތައް، ކެއުމަށާއި، ބޯހިޔާވަހި ކަމަށް ވަކިން އެލަވަންސް ދީ އަދި އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ދޭ ނަމަ ދިވެހި ޓީޗަރުން ހޯދުމުގައި ދަތިތަކެއް ކުރިމަތި ނުވީސް ކަމަށެވެ. ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެހެންނޫން ނަމަ ދުވަހަކު ވެސް މިފަދަ މައްސަލަތައް ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އަރަބި އަދި ޤުރުއާން ކިޔަވައިދޭ ތީޗަރުން ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އިންދިއާއިން ޓީޗަރުން ގެންނަން ހަމަޖެއްސުމުން އެތައް ބަޔަކު އަންނަނީ މި ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި، ކޮންމެ އަހަރަކު ވެސް އެތައް ޓީޒަރުންނެއް ތަމްރީން ހޯދަމުން އަންނަ އިރު އަރަބި އަދި ޤުރުއާން މާއްދާ ކިޔަވައިދޭ ޓީޗަރުން ލިބުމުގައި ދަތިތަކެއް ހުރުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނި އިންޑިއާއިން މީގެ ކުރިންވެސް މި މާއްދާތައް ކިޔަވަން ޓީޗަރުން ރެކްރޫތް ކުރި ކަމަށް ބުނެފައެވެ. ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާން ކުރުމުން ވެސް ޓީޗަރުން ނުލިބުމުން އިންޑިއާގެ ކެރެލާއިން އަރަބި 5 ޓީޗަރުންނާއި 5 ގުރުއާން ޓީޗަރުން ގެނެސް ރާއްޖޭގެ 9 ސުކޫލެއްގައި އެ ޓީޗަރުން ކިޔަވައިދެމުން ގެންދާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެ 10 ޓީޗަރުން މިދިޔަ އަހަރު ގެނެސްފައި ވަނީ އެކި ގައުމުތަކުގައި އެދިފައި އޮއްވާ އިންޑިއާގެ ހައިކޮމިޝަންގެ ފަރާތުން، އިންޑިއާގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އެ ގައުމުގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ "ނޯކާ ރޫޓްސް" މެދުވެރިކޮށެވެ. ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން ޓީޗަރުން ދަތިކަން ހުރި ރަށްރަށަށް ދެވޭނެ ފަރާތްތައް ލިބޭތޯ މި ދާއިރާއިން ރާއްޖޭގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެއްކި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ޓީޗަރުން ރެކްރޫޓް ކުރީ ޓީޗަރުން ނުލިބުމުގެ ސަބަބުން ކުދިންގެ ކިޔެވުން މަޑުޖެހިފައި އޮތުމަކީ ކުދިންގެ ކިޔެވުމަށް ހުރަސްއެޅޭނެ ކަމެއްގެ ގިތުގައި ބެލެވޭތީ ކަމަށް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.