އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ އީސީގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައި ވާތީ، ހުސްވެފައިވާ މަގާމަށް މީހަކު އައްޔަނުކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 6 އަދި 7 ވަނަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އާ ދެމެދު ރައީސް އޮފީހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަރީފު އިސްތިއުފާ ދެއްވާފައިވަނީ މިމަހު 15 ވަނަ ދުވަހުއެވެ.

ޝަރީފް އީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.