ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނު ކުރުމަށް ފަހު މަރާލާފައި ވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެ މައްސަލަ އެންމެ ހަރުއަޑުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ބުނީ، ރަހީނު ކުރުމަށް ފަހު އަނިޔާކޮށް އެ އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެ ޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއް ނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރުގަދަ އަޒުމަކާ އެކު ހަރުދަނާ ގޮތެއްގައި މުޅި ދައުލަތް އެކުގައި މަސައްކަތް ކުުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައި، އެ މައްސަލައިގައި ތުހުމަތުވާ ފާރާތްތަކަށް ހައްގު އަދަބު ކަށަވަރު ކުރުމުގައި ފަރުވާ ކުޑަކުރުމެއް ނެތި އަމަލު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް އެ ޕާޓީން ގޮވާލާފައި ވެއެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ރޭ ހެންވޭރުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައި ވާ އިރު، 17 އަހަރުގެ ކުއްޖަކާ 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި 13 އަހަރު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.