ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ ފަރާތުން ހުށަހަހަޅާފައިވާ ދިވެހިރާއްޖޭގެ ގާނޫނުއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅާފައިވަނީ ދީން ހަތިޔާރަކަށް ބޭނުން ކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވާ ތަފާތު ލޭބަލްތައް އަޅުވާ، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދާ، ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ގަބޫލުކޮށް، އެމީހުން މަރާ، ގެއްލުވާލުމުގެ ހާދިސާތަކެއް ރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ.

އޭގެ އިތުރުން އެ ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާ، ދިރިހުރުމުގެ ހައްގު ކަށަވަރުކުރުމަށް މުހިއްމު ކަމެއްކަމަށް އެޕާޓީން ދެކޭ ކަމަށް އެމްޑީޕީން ބުނެއެވެ.

ނަމަވެސް، އެ ބިލު މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދާ، އެ ބިލަކީ ދީނާއި ހިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް ހަރުއަޑުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ އެ ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނޑިވަޅުގައި، އެ ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދާ، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ޕާޓީއިން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުމެވެ.
އެމްޑީޕީ

ހަމައެހެންމެ ކޮންމެ ރައްޔިތަކަށް ވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ ޕާޓީގެ އެންމެ އިސް އެއް އަމާޒު ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.