ރުގްޔާކުރުން ރެގިއުލޭޓް ނުކޮށް އޮތުމުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންނަށް ބައެއް ފަހަރު އަނިޔާތަކާ ކުރިމަތިލާން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމްގެ ކޮމިޝަނަރު މުއުމިނާ ވަހީދު "ދަ ޕްރެސް" އަށް ވިދާޅުވީ ރުގްޔާކުރާ ބައެއް މީހުން އަންހެނުންނާ ކުޑަކުދިންނަށް އަނިޔާތަކެއް ދެމުންދާކަން ފާހަގަކުރެވޭ ކަމަށާ އެކަން ރެގިއުލޭޓް ކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އެޗްއާރުސީއެމް އިން ފުލުހުންނާ ޖެންޑާމިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އާދީއްތަ ދުވަހު އޮންލައިންކޮށް ކުެރިޔަށްގެންދިޔަ ކޭސް ކޮންފަރެންސްގައި އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާގުޅޭ މައުލޫމާތުތައްވެސް އެ މުއައްސަސާތަކާ ހިއްސާކުރެވިފައިވާނެ ކަމަށްވެސް މުއުމިނާ ވިދާޅުވިއެވެ.

ރުގްޔާކުރުމުގެ ނަމުގައި ގަބުރުސްތާނު ކޮނުންފަދަ ކަންތައްތައް ކުރުމަކީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި ވެސް މުއުމިނާ ފާހަގަކުރެއްވިއެވެ.

ބައެއްފަރާތްތަކުން މިކަން ކުރަނީ ކައުންސިލްތަކުން ހުއްދަ ހޯދައިގެން. އެހެންނަމަވެސް އަޅުގަނޑުމެން ދަންނަވާނީ މިކަހަލަ ކަމެއް ކުރެވިގެން ނުވާނެއޭ އިސްލާމިކް މިނިސްޓްރީއާފަދަ ތަންތަނުން ހުއްދަވެސް ހޯދަންޖެހޭނެ.
މުއުމިނާ

ރުގުޔާކުރުމުގެ ކަންތައް ރެގިއުލޭޓް ނުކޮށް ކުރަމުން ދާކަމުގައި ވާނަމަ މިހާރު ފެންމަތިވާ މައްސަލަތަކަށް ވުރެއް އިތުރު މައްސަލަތަކެއް ފެންމަތިވެގެން ހިނގައިދާނެ ކަމަށް މުއުމިނާ ވިދާޅުވިއެވެ.

މުއުމިނާ އިތުރަށް ވިދާޅުވީ ރުގުޔާކުރުން ރެގިއުލޭޓް ނުވާނަމަ އެ ހިދުމަތްދޭ މީހުންނަކީ އެކަން ކުރަން އިނގޭ ބައެއްކަން ހިދުމަތް ލިބިގަންނަ މީހާއަށް ޔަގީންވާނެގޮތެއް ނޯންނާނެ ކަމަށެވެ. އަދި ރުގްޔާ ރެގިއުލޭޓް ކުރުމަށް ވާހަކަދެކެވެމުންްދާ ކަމަށާ އިތުރު ބައްދަލުވުންތަކެއްވެސް އަދި ކުރިޔަށް ގެންދާނެކަމަށް މުއުމިނާ ވިދާލުވިއެވެ.

އާދީއްތަ ދުވަހު ބޭއްވުނު ކޭސް ކޮންފަރެންސްގައި އެ ކޮމިޥޝަނުން ބަލަމުންދާ މައްސަލަތަކުގައި ކުރިޔަށް އޮތްތަނުގައި މަސައްކަތްތައް ކުރިޔައްގެންދާނެ ގޮތް އެނގިގެން ދިޔަކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.