މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހޮވިވަޑައިގެންފިއެވެ.

މާލޭ ސިޓީ ކައުންސިލް އިދާރައިގައި ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ނަރީޝް ކުރި ހޯއްދެވީ މި އިންތިހާބުގައި އޭނާއާ ވާދަކުރެއްވި ވެރިކަން ކުރާ އެމްޑީޕީގެ ކައުންސިލް މެމްބަރު މަައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރުގެ މައްޗަށް 5 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބުކޮށްގެންނެވެ. .

ޖުމުލަ 19 މެންބަރުން ވޯޓު ލެއްވި މި އިންތިހާބުގައި ނަރީޝަށް ލިބިވަޑައިގެންފައިވަނީ 12 ވޯޓެވެ. އަދި ޒަމީރަށް ލިބިވަޑައިގެންފައިވަނީ 7 ވޯޓެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް ނަރީޝް އިންތިހާބުވެވަޑައިގަތުމާއެކު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޓުވިޓާ މެދުވެރިކޮށް ނަރީޝްއަށް މަރުހަބާ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް/ ފޮޓޯ: ޓުވިޓާ

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ޕީޕީއެމް ފަޅިން ކުރިމަތިލާނެ ބޭފުޅެއް ކަނޑައަޅާފައިވަނީ އިއްޔެ އެ ޕާޓީއިން ކަލައުންސިލަށް ހޮވިފައިވާ މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.

ޕީޕީއެމް ފަޅިން ޑެޕިއުޓީ މޭޔަރަށް ކުރިމަތިލުމަށް 3 ބޭފުޅެއް ހުށައަޅާފައިވެއެވެ. އެއީ ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ. ޕީޕީއެމް އިން ނެގި ސިއްރުވޯޓުގައި ޝުޖާއުއަށް ލިބިފައިވަނީ 4 ވޯޓެވެ. އަދި ނަހުލާއަސް ވެސް 4 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޕީޕީއެމް ފަޅިން ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލުމަށް ނަރީޝް ހޮވިފައިވަނީ 13 ވޯޓުންނެވެ.