އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް އެވެއާނެސް ޕްރޮގްރާމެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތައްޔާރުވާން ފަށައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްއާރުސީއެމްގެ ސީނިއާ އެޑްވޮކެސީ އޮފިސަރު މޫސާ އިލްހާމް ވިދާޅުވީ މި ޕްރޮގްރާމް ކުރިޔަށް ގެންދަން ގަސްދުކޮށްފައިވަނީ ލ. ފޮނަދޫގައި ކަމަށެވެ. އަދި ފޮނަދޫ ކައުންސިލާއި ލ. އަތޮޅު ކައުންސިލުންވެސް މިކަމަށް އެއްބާރުލުން ދެއްވާނެކަމަށް އިލްހާމް ވިދާލުވިއެވެ.
މި ޕްރޮގްރާމަކީ 6 ބަޔަކަށް ބަހާލައިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމަކީ ކައުންސިލަރުންނާ، ޒުވާނުންނާ، އިދާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ، ބެލެނިވެރިން އަދި ސުކޫލު ކުދިންވެސް ބައިވެރިކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށް އެޗްއާރުސީއެމް އިން މައުލޫމާތު ދެއެވެ.
ކައުންސިލަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުން ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ 2 ދުވަހަށެވެ. އަދި މި ބައްދަލުވުން އަމާޒުވެފައިވަނީ ތ އަދި ލ އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނަށެވެ. އެގޮތުން ދެ އަތޮޅުގެ ކޮންމެ ރަށަކުން ކައުންސިލަރަކާއި މަސައްކަތު ބައްދަލުވުން ބާއްވާ ގުޅިފައިވާ ރަށްތަކުގެ ކައުންސިލުތަކުން އިތުރު 7 ފަރާތެއް ހިމެނޭ ގޮތުން ޖުމްލަ 35 މީހަކަށް މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު ދެވޭނެއެވެ.
މި ޕްރޮގްރާމުގައި ޒުވާނުންނަށް އަމާޒުކޮށް އިންސާނީ ހައްގުތަކުގެ ޓީއޯޓީއެއް ހިންގަން ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެގޮތުން ލ އަތޮޅާ ތ އަތޮޅުން ކޮންމެ ރަށަކުން މީހަކާ ލ. ގަމުގައި ހަރަކާތްތެރިވާ އެންޖިއޯތަކުން 7 ބޭފުޅުންނާއެކު ޖުމުލަ 35 ބައިވެރިންނަށް ބައިވެރިވާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެޗްއާރުސީއެމް އިން ބުނީ ލ. ފޮނަދޫއާ ފޮނަދޫއާ ގުޅިފައިވާ ރަށްތަކުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އިދާރާއަކުން 3- 5 މުވައްޒަފުން ހިމެނޭ ގޮތަށް އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުމަށް ސެޝަންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އާންމުނަނަށް ވެސް އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާ މި ހަރަކާތުގައި ބިދޭސީ މަސައްކަތްތެރިންނާ ކުޑަކުދިންގެ ހައްގުތަކާމެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ފެއާއެއް ބާއްވާނެ ކަމަށްވެސް އެ ކޮމިޝަނުން ހާމަކުރެއެވެ.
މީގެއިތުރުން ކުޅިވަރުގެ ތެރެއިން އިންސާނީ ހައްގުތަކުގެ މެސެޖެއް ދިނުމުގެ ގޮތުން ހޭންޑްބޯލް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާ ޔޫތު ނައިޓެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ. ސްކޫލުތަކަށް ހިންގާ ހަރަކާތްތަކުގައި ސްކޫލު ކުދިންނަށް އަމާޒުކޮށް ކުރެހުމުގެ މުބާރާތަކާ ހަނގާ ކުރުމާ ދެކޮޅަށް ދަރިވަރުންނަށް ސެޝަންތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ބެލެނިވެރިންނަށް އަމާޒުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާގުޅޭ ސެޝަންތަކަކާ މިންތީގެ ހަމަހަމަކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ޓީޗަރުންނަށް އަމާޒުކޮށް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ކަންކަމުގެ އިތުރުން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނަށް އިންސާނީ ހައްގުތަކުގެ އާންމު މައުލޫމާތު އިނގޭ މިންވަރު ދެނެގަތުމާ އެ ކޮމިޝަނާމެދު ދެކޭގޮތް ބެލުމަށް ސާވޭއެއް ކުރިޔަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް އެންމެ ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗުމަހުގައި ކަމަށާ، ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން މި ޕްރޮގްރާމް ފަސްވެގެން ގޮސްފައިވާކަމަށް އިލްހާމް ވިދާލުވެފައިވެއެވެ.
އެޗްއާރުސީއެމް އިން އަންނަނީ އިންސާނީ ހައްގުތަކާބެހޭ ގޮތުން އާންމުން އަދި އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން އެންމެ ފާހަގކޮށްލެވޭ އަދި އެންމެ ބޮޑުކޮށް ކުރިޔަށްގެންދެވޭ ހަރަކާތަކަށް މި ހަރަކާތްވެގެންދާނެއެވެ.