ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމިއްލަ ދަތުރުފުޅެއްގައި ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް އަމިއްލަފުޅު ދަތުރެއްގައި ދުބާއީއަށް ފުރާވަޑައިގެންފައިވާ ކަމަށާ، އެނބުރި ވަޑައިގަންނަވާނީ ބުދަދުވަހު ކަމަށެވެ.

ރައީސް ސޯލިހް ދުބާއީއަށް ވަޑައިގެންފައި ރައީސްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް ދުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަވެފައި ވަނިކޮށެވެ.

އަވަހާރަވީ އިރު އުމުރުން 55 އަހަރުގެ އަހުމަދަކީ ރައީސް ސޯލިހުގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރައީސް ސޯލިހުގެ އާއިލާގައި ޖުމުލަ 12 ބޭފުޅުން ތިއްބަވާއިރު އޭގެތެރެއިން 3 ބޭފުޅުންނަކީ ހާފިޒުންނެވެ.

އެމަނިކުފާނުގެ އާއިލާގައި ލޯފަން 4 ބޭފުޅުން ތިއްބަވާއިރު އަހުމަދު އަކީވެސް ލޯފަން ބޭފުޅެކެވެ.