ދުނިޔޭގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ޗައިނާއާ ކުރިމަތިލުމަށްޓަކާ، އޭޝިއާ ސަރަހައްދުގައި އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަން ޖެހޭ ކަމަށް، ވިލާތުގެ ގައުމުތަކަށް ޖަޕާނުން ގޮވާލައިފިއެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ސަލާމަތާ ދިފާއާ ބެހޭ ސަބްކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުން، ޖަޕާނުގެ ދިފާއި ވަޒީރު ނޮބުއޯ ކިޝީ ވަނީ، އިންޑިއޯ-ޕެސިފިކް ކަނޑުގެ ސަރަހައްދާ ގުޅުން ހުރި ކަންކަމަށް ވިލާތުގެ އިއްތިހާދުން ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ސަލާމަތީ ކަންކަމުގައި ގުޅުން ދަމަހައްޓާ، އިތުރަށް ފުޅާ ކުރުމަށްވެސް ޖަޕާނުގެ ދިފާއީ ވަޒީރު ވަނީ ގޮވާލައްވަފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޖަޕާނުގެ ދިފާއީ ވަޒީރު ވަނީ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ޗައިނާއިން އަމިއްލަ މަސްލަހަތު އިސްކޮށްގެން ހިންގަމުންދާ އަމަލުތަކަށް ފާޑުވިދާޅުވެފައެވެ. އިރުމަތީ ޗައިނާ ކަނޑުގެ މައްސަލާގައިވެސް ޖަޕާނުގެ ދިފާއީ ވަޒީރުގެ ފިކުރު އޮތީ މިފަދަ ރޫހެއްގައެވެ.

ޖަޕާނުގެ ދިފާއި ވަޒީރު ނޮބުއޯ ކިޝީ ވިދާޅުވީ ކަމާ ގުޅުން ހުރި ގައުމުތަކަށް ލިބިފައިވާ ހައްގުތަކަކީ ކުޑައިމީސް ކުރެވޭނެ ހައްގުތަކެއް ނޫން ކަމަށާ، ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން އުފެއްދުމަށް ހިންގާ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖަޕާނުގެ ދިފާއީ ސިޔާސަތުތަކާ ގާތް މަސްދަރަކުން ސިފަ ކުރި ގޮތުގައި، ދިފާއީ ވަޒީރުގެ މި ތަގުރީރަކީ، ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ވިލާތުގެ އިއްތިހާދަށް ބާރު އެޅުއްވުމުގެ ގޮތުން ދެއްވި ތަގުރީރެކެވެ.

މި ފަހަކަށް އައިސް، ޗައިނާއާއި ޖަޕާނުގެ ގުޅުން ނުތަނަވަސް ވެފައި ވަނީ، އިރުމަތީ ޗައިނާ ކަނޑުގެ މައްސަލާގައެވެ.