މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ސަލާމަތް ހޯދިދާނެ ދުވަހެއް ބުނަން އެއްވެސް މީހަކަށް އަދި ނޭނގެއެވެ. މިވަގުތަށް އޮތީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމާއެކު، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ތަންފީޒު ކޮށް، ސާފު ތާހިރު ދިރިއުޅުމެއް އިސްކުރުމެވެ. މިކަމުގެ ތެރެއިން، މިއަދު އެންމެ ގާތް ވެފައި ވާ އެކައްޗަކީ ނުވަތަ އަބަދުމެހެން އަތްފޯރާ ފަށުގައި ހުންނަ އެކައްޗަކީ ހޭންޑް ސެނިޓައިޒާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ތާ އަބަދުމެ ސައިބޯންޏާއި ފެންލައިގެން އަތް ދޮވުމުގެ ފުރުސަތު ނުލިބިދާނެއެވެ. އެކަމަކު ކޮވިޑް ޖައްސާ ވައިރަހަކީ ހަމަ ކޮންމެ ފަދަ ވަގުތެއްގައި ހަށިގަނޑަށް ހަމަލާ ދީފާނެ ވައިރަހެއް ކަމުން، އަބަދުވެސް އަތް ސާފުކޮށްފައި ބަހައްޓަން ޖެހެއެވެ. މިކަމަށް އޮތް އެންމެ ލުއި އެއް ހައްލަކީ ހޭންޑް ސެނިޓައިޒާއެވެ. މާސްކު އެޅުމާއެކު ގައިދުރުކަން ތަންފީޒު ކުރި ކަމުގައި ވީ ނަމަވެސް، އަތް ސާފުކޮށްފައި ބެހެއްޓުމަކީ، ކޮވިޑާ ދެކޮޅަށް ނެގޭ އެންމެ ވަރުގަދަ އެއް ހަތިޔާރެވެ.

އެމެރިކާގެ ކެފޭއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ހޭންޑް ސެނިޓައިޒާ ޑިސްޕެންސަރެއްގެ ކައިރީގައި/ފޮޓޯ: އެލެކްސް އެޑްލްމަން

ކަން މިހެން އޮތް ނަމަވެސް، ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަކާ، ސަމުވާލުވާންވީ ކަންތައްތަކެއް އެބަހުއްޓެވެ.

ހޭންޑް ސެނިޓައިޒާގެ ސަބަބުން އަތްތިލަ ސާފުވި ކަމުގައި ވީ ނަމަވެސް، ސައިޑް އިފެކްޓްތަކެއް ހުންނަކަން ހަނދާނުގައި ބަހައްޓާށެވެ. އެހެން ކަމުން، ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމުގައި އަމަލު ބަހައްޓަންވީ ގޮތާއި، ނުކުރަންވީ ކަންކަން އެނގުން މުހިންމެވެ. އެހެން ކަމުން، އެފަދަ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

ހޭންޑް ސެނިޓައިޒާ ބޭނުން ކުރާނަމަ އެ ކަން ކުރަން ވީ، އެންމެ ބޮޑަށް ތަޣައްޔަރުވެ، ޖަރާސީމު އެކުލެވޭ ފަދަ ތަނެއްގައި އަތްލުމަށް ފަހު، ހަށިގަނޑުގެ އެހެން ތަނެއްގައި އަތް ޖެއްސުމުގެ ކުރިންނެވެ. ވަކިން ހާއްސަކޮށް މޫނުގެ ގުނަވަނެއްގައި އަތްލުމުގެ ކުރިންނެވެ. ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސަރު، އެކި މާއްދާތަކުގައި އެކި މުއްދަތަށް ހަރުލާފައި ހުރެއެވެ. ބައެއް ތަންތަނުގައި 1 ދުވަހަށް ވުރެ ދިގު މުއްދަތަކަށްވެސް ވައިރަސް ހަރުލާފައި ހުރެއެވެ. އެހެން ކަމުން ސިޑީގެ އަތްގަނޑު ނުވަތަ، ދޮރުގެ ގޮބާއި ލިފްޓްގެ ފިއްތައް ފަދަ ތަންތަނުގައި އަތް ލުމަށްފަހު ހޭންޑް ސެނިޓައިޒާ ބޭނުން ކުރަން ވާނެއެވެ.

ސައިބޯނިލައިގެން އަތް ދޮންނަނީ/ފޮޓޯ: ޕްރިމިއާ ސޭފްޓީ އިންސްޓިޓިއުޓް

ތަފާތު އެކި ކަހަލަ ޖަރާސީމުތަކުން ސަލާމަތް ވުމަށް ބޭނުން ކުރާ ހޭންޑް ސެނިޓައިޒާއަކީ، އޭގައި 60 ޕަސެންޓާއި 95 ޕަސެންޓަށް އަލްކަހޯލް އެކުލެވެން ވާނެ އެއްޗެކެވެ. އަލްކަހޯލްގެ މިންވަރު މަދު ނަމަ ނުވަތަ އެއްވެސް ވަރަކަށް ނެތް ނަމަ، ޖަރާސީމު ބެރުމުގެ ބޭނުން ކެނޑެއެވެ.

ބަލިން ދިފާއުވުމުގެ ނަމުގައި މާ ގިނައިންވެސް ހޭންޑް ސޭނިޓައިޒާ ބޭނުން ކުރާކަށް ނުވާނެއެވެ. މާ ގިނައިން ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަކީ، އަތުގައި ހުންނަ މައިކްރޯއޯގަނިޒަމްތަކުގެ ތެރެއިން ފައިދާ ކުރަނި މަހުލޫގުތައްވެސް ނެތިކޮށްލާނެ ކަމެކެވެ. މިއާއެކު، އެމީހާ އިންފެކްޝަނަށް ހުށަހެޅޭ މިންވަރު އިތުރުވެއެވެ. މީގެ އިތުރުން، މާ ގިނައިން ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަކީ ހަންގަނޑު ހިކުމުގެ މައްސަލަވެސް ކުރިމަތި ކުރުވާނެ ކަމެކެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި މާސްކާއި ސެނިޓައިޒާ ބޭނުން ކުރުން މުހިންމު / ފޮޓޯ: ސީއެންއެން

ކާން ފެށުމުގެ ކުރިން ހޭންޑް ސެނިޓައިޒާ ބޭނުންކޮށްގެން ނުވާނެއެވެ. އެހެނީ، ހޭންޑް ސެނިޓައިޒާއަކީ ގިނަ އަދަދެއްގެ ކެމިކަލް އެކުލެވޭ އުފެއްދުމަކަށް ވުމެވެ. މިފަދަ އެއް މާއްދާއަކީ ޕްރޮޕަނޯލްއެވެ. މި ކެމިކަލްގެ އަސަރު ކޮށްފިނަމަ ނާރުތަކުގެ މައި ނިޒާމަށް އަސަރު ފޯރައެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލާން ދަތިވުމާ، ވާނުވާ ނޭނގޭ ހާލަތަކަށް ދިއުމާ، ހިތުގެ ހިނގުން ލަސްވުން އަދި ހެއަށް ގޮތްވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.

ކޮވިޑުން ސަލާމަތް ވުމަށް ކުރަން ޖެހޭ އެއް ކަމަކީ އަތް ދޮވުންކަން ކުޑްކުއްޖަކު ބުނެދޭ ފޮޓޯއެއް

ކުޑަކުދިންނަށް އެދެވިގެން ވަނީ، ހޭންޑް ސެނިޓައިޒާގެ ބަދަލުގައި ފެނާއި ސައިބޯނިން އަތް ދޮވުމެވެ. ބޮޑެތި މީހުން ފަދައިން ކުޑަކުދިން ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަކީ ގެއްލުމެއް ނެތް ކަމުގައި ހީކުރެވުމަކީ ކުށް ހީއެކެވެ. އެގޮތުން، ކުއްޖާއަށް ނޭނގި، ހަށިގަނޑުގެ ތެރެއަށް ހޭންޑް ސެނިޓައިޒާގެ މާއްދާތައް ދާ ގޮތްވެސް ވެދާނެއެވެ.

ހަމަ މިފަދައިން، ކާބޯތަކެތި ސާފު ކުރުމަށްވެސް ހޭންޑް ސެނިޓައިޒާ ބޭނުންކޮށްގެން ނުވާނެއެވެ. ހޭންޑް ސެނިޓައިޒާގެ އެހީގައި ކާބޯތަކެތި ޑިސްއިންފެކްޓް ކުރެވިދާނެ ކަމަށް ކަމަށް ގަބޫލު ކުރުމަކީވެސް ބައެއް މީހުންނަށް ކުރެވިފައި އޮންނަ ކުށް ހީއެކެވެ.