ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލިހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް އަނެއްކާ ހާޒިރު ކޮށްފިއެވެ.
މީގެ ކުރިން ވެސް އޭނާ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ މިއަދުވެސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް 241 ކޮމިޓީއަށް ހާޒިރުކޮށްފައި ވާކަމަށާއި އެއީ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް އެ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަަރީއަށް މައުލޫމާތު ހޯދުމަށް ކަމަށެވެ. އެ ގޮތުން މިއަދު ވެސް އެ ކޮމިޓީއިން ޢަބްދުﷲ ޝަމާލް ސުވާލު ކޮށްފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.
މިއަދު ޗީފް ޝަމާލް ހާޒިރު ކުރި ވައިސް ޗީފް ވެސް ވަނީ މިއަދު ހާޒިރުކޮށްފައެވެ.
އެ ކޮމިޓީން މި ބައްދަލުވުންތައް ގެންދަނީ ސިއްރު ކޮށްގެންނެވެ. މިހާތަނަށް އެ ބައްދަލުވުމަށް ގިނަ ސިފައިންނާއި ޕޮލިހުން އަންނަނީ ހާޒިރުކޮށް ސުވާލު ކުރަމުންނެވެ. އެ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވަނީ ހާޒިރު ކޮށްފައެވެ. ހަމައެއާއެކު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ކާނަލް ނަސްރުﷲ އިބްރާހިމް އާއި، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ހަޒީރު ކޮށްފައެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ކޮމިޓީއަށް ހާޒިރު ކޮށް ސުވާލު ކޮށްފައެވެ. އެ ގޮތުން މާލޭ ސިޓީގެ ކުރީގެ މޭޔާ ޝިފާ މުހައްމަދާއި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މުހައްމަދު އަސްލަމްގެ އިތުރުން ހޯމް މިނިސްތަރު އަބްދުﷲ އިމްރާނާއި ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ އެ ކޮމިޓީއަށް ހާޒިރު ކޮށްފައެވެ