އިސްލާމް ދީނަށް ފުރައްސާރަކޮށް ދެކެވޭ ވާހަކަތަކުން މި މުޖުތަމައުގައި މާބޮޑަށް ނަފްރަތު އުފެދޭނެ ކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށް ކުރީގެ ޖްންޑާ މިނިސްޓަރު އަދި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހްމަދު ވިދާޅުވެއްޖެއެވެ.

އަނީސާ މިހެން ވިދަޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތުގެ ބިލާ ގުޅޭ ގޮތުން އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުންގެ އިތުރުން އާންމުންގެ ތެރޭގައި ހިޔާލުތަފާތުވުން ތައް އުފެދިވާ ދަނޑިވަޅެއްގައެވެ.

އޭނާ ވިދާޅުވީ، ސެކިއުލަރިޒަމްއަށް ތާއީދު ލިބޭ ގޮތަށް ދެކެވޭ ވާހަކައާ ދެކޮޅަށް ހިޔާލު ފާޅު ކުރުމަކީ ނަފުރަތު އުފެއްދުން ކަމަށް ބަލާ ނަމަ ގަބޫލުކުރަން ޖެހޭ ހަގީގަތެއް އޮތް ކަމަށެވެ. ސެކިއުލަރިޒަމްއަށް ތާއިދު އޮންނަ ގޮތަށް ދެކެވޭ ވާހަކައިން ނަފްރަތު އުފެދޭ ނަމަ އިސްލާމް ދީނަށް ފުރައްސާރަކޮށް ދެކެވޭ ވާހަކައިގެ ސަބަބުން މި މުޖުތަމައުގައި އަދި މާބޮޑަށް ނަފުރަތު އުފެދޭނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށް އަނީސާ ވިދާޅުވިއެވެ.

ހިސާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާންމު ތަނެއްގައި ބުނެފި ނަމަ އެ ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަން ކަމެކެވެ.

އެހެންވެ، އެ ބިލް އަނބުރާ ނެގުމަށް ގޮވާލައި 101 އިލްމުވެރިޔަކު ސޮއިކޮށް މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ފޮނުވާފައެވެ. ހަމައެއާއެކު އަދާލަތު ޕާޓިން ވެސް ވެސް އެ ބިލާ ގުލޭ ގޮތުން ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާ ކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ވަނީ އެ ބިލާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެ ކަން ދެއްވާފައިކަމަސް އަދާލަތުން ބުނެއެވެ.