ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު ކުއްޖާ، 10 އަހަރުގެ ފާތުމަތު މިޝްކާ އަށް އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގާއި އެޓެންޑްވީ ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް އޭނާގެ މަރާ ގުޅިގެން ކުރި ތަހުގީގު ރިޕޯޓުން ހާމަ ވެއްޖެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ތައްޔާރުކުރި ކޭސް ރިޕޯޓް އެކުލަވާލުމަށް ހާދިސާއާ ގުޅުން ހުރި ފަރާތްތަކާއި، އެޗްއީއޯސީގެ ކްލަސްޓާތަކާއި ހަވާލުވެ ތިބި ފަރާތްތަކުގެ އިތުރުން މިޝްކާގެ ބެލެނިވެރިންނާ ވެސް އިންޓަވިއު ކޮށްފައި ވާ ކަމަށެވެ. އެގޮތުން 28 ފަރާތަކާ އިންޓަވިއުކޮށް ގިނަ ލިޔެކިޔުންތަކެއް ބަލައި ދިރާސާކޮށްފައި ވާނެކަމަށް ހެލްތުން ބުނެއެވެ. އެގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ބަލާފައިވާނެ ކަމަށް ހެލްތުން ބުނެއެވެ.
ކޭސް ރިވިއުއާ އެއްގޮތަށް، ކޭސް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ މިޝްކާގެ ކޭސް އަކީ އެމަޖެންސީ ހާލަތެއް ކަމަށް ކޯލް ސެންޓަރަށާއި މެޑިކަލް ރެސްޕޯންސް ޓީމު (ޑީއެމްއާރްޓީ) އަށް ވެސް ބެލިފައި ނެތް ކަމަށެވެ. އެހެންކަމުން އެކުއްޖާގެ ފަރުވާއަށް ދިއުމާއި، ފަރުވާ ފޯރުކޮށްދިނުމުގައި އެކަށީގެންވާ ލަސްތަކެއް ވެފައިވާ ކަމަށެވެ. ކޭސް ރިޕޯޓުގައި ބުނެފައި ވަނީ އެ ކޭސް އަކީ އެމަޖެންސީ ކޭސް އެއް ކަމަށް ޑީއެމްއާރްޓީގެ ޑޮކްޓަރަށް ދެނެނެގަނެވިފައި ނުވާތީ އެމްބިއުލާންސް ޓްރިގާ ކުރުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އިތުރު ކޮންސަލްޓޭޝަނަކަށް ކްލިނިކަލް މެޑިކަލް ރެސްޕޯންސް ޓީމް (ސީމެޓް) އަށް މެސެޖު ފޮނުވާފައިވާ ކަމަށެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ސިއްހީ ހިދުމަތް ބޭނުންވާ ފަރާތަކަށް އެހިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ ޑީއެމްއާރްޓީގެ ޑޮކްޓަރު އަދާކޮށްފައި ނުވާ ކަމަށެވެ. ހަމައެއާއެކު މިޝްކާއަށް އެޗްއީއޯސީން ދޭންޖެހޭ ފަރުވާ ދިނުމުގެ ހުރިހާ މަރުހަލާއެއްގައި ލަސްތަކެއް ވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ޑީއެމްއާރްޓީގެ ޑޮކްޓަރު އެންމެ ރަނގަޅަށް ޒިންމާ އަދާކޮށްފައި ނުވާ ކަމަށާއި، ކުއްޖާގެ ބެލެނިވެރިޔާއާ ކުރެވުނު މުއާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ގަބޫލުކުރެވިފައިވާ ކަން ކޯލް ލޮގުތަކުން ދޭހަވާ ކަމަށެވެ. ނަމަވެސް ދެ ގަޑިއިރަށް ވުރެ ގިނަ އިރުވެގެން ދިޔައިރުވެސް އެމްބިއުލާންސް ޓްރިގާ ކޮށްފައި ނުވާކަމަށް ރިޕޯޓުގައި ބުނެއެވެ.އެވެ.
ހެލްތުން ބުނީ މި ހާދިސާ ދިމާވާން މެދުވެރިވި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމްގައި ހުރި މައްސަލަތައް ކަމަށެވެ. ނަމަވެސް މީގެކުރިން ކޮވިޑްގެ ނަންބަރުތައް ހިފެހެއްޓިފައި ހުރި މިންވަރުގެ ސަބަބުން އެ މައްސަލަތައް ފެންމަތި ވެފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ފިޔަވަޅުއަޅާން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ހެލްތުން ބުނެއެވެ