ގިނަ އަދަދަކަށް ކެމިކަލްއާއި އެނޫންވެސް ނުރައްކާތެރި މާއްދާތަކެއް ބަރުކޮށްގެން، އަވަށްޓެރި ކޮޅުނބުގެ ރަށްބޭރުން ދަތުރު ކުރަމުން ދިޔަ ސިންގަޕޫރުގެ ކާގޯ ބޯޓުގައި ރޯވެ، އަޑިއަށް ދިއުމަކީ އެކަމުގެ ސަބަބުން މުޅި ދުނިޔެއަށްވެސް ގެއްލުން ކުރިމަތި ކުރުވި ހާދިސާއެއް ކަމަށް، އދގެ ސްރީލަންކާ މަންދޫބު، ހަނާ ސިންގާ-ހަމްދީ ވިދާޅުވެއްޖެއެވެ.

ރޯވެ، އަޑިއަށް ގޮސްފައިވާ ބޯޓުން، އިންތިހާއަށް ނުރައްކާތެރި މާއްދާތައް ބޭރުވަމުން ދާ އިރު، އެ މާއްދާތަކަކީ ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދެނިވި މާއްދާތަކެއް ކަން ހަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްގެން ދުއްވި އެމްވީ އެކްސް-ޕްރެސް ޕާލް، ކޮޅުނބު ބޭރަށް އަޑިއަށް ގޮސްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. މި ބޯޓުގައި އަލިފާން ރޯވީ މީހެއްގެ މަހެއް ދުވަސް ކުރިންނެވެ. ކޮޅުނބުގެ ރަށް ބޭރަށް ބޯޓު ފެތިފައި ވާއިރު، މިކަމުގެ ސަބަބުން ތިމާވެށީގެ ކާރިސާއެއް އުފެދިދާނެ ބިރާއި ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރު ވެފައެވެ.

ސްރީލަންކާގައި ހުންނަވާ އދގެ ރެސިޑެންޓް ކޯޑިނޭޓަރު ހަނާ އިތުރަށް ވިދާޅުވީ، މި ހާދިސާއަކީ އައްސޭރި ފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާބާދުތަކުގެ ދިރިހުރުމާއި ދިރިއުޅުމަށްވެސް އޮތް ނުރައްކަލެއް ކަމަށެވެ.

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ރޯވި ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓު / ފޮޓޯ: އެއާފޯސް މީޑިއާ

އދއިން ބުނީ، މި ހާދިސާގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުމާ، މިކަމުން އަރައިގަންނާނެ ގޮތެއްގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނޭނެ ގޮތްތައް ވިލަރެސް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި، އެ އިދާރާއިން ކަންކަން ކޯޑިނޭޓް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ތެލާއި ކެމިކަލް ލީކުވުމާ ގުޅޭ ހާދިސާތަކާ ބެހޭ ތަޖުރިބާކާރުންގެ ޓީމެއް، މިހާރުވެސް ސްރީލަންކާއަށް ފޮނުވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ޓީމަކީ، ވިލާތުގެ އިއްތިހާދުގެ ޓީމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓު އޮޕަރޭޓް ކުރަމުން ދިޔަ އެކްސް-ޕްރެސް ފީޑާޒްގެ އަތުން، 40 މިލިއަން ޑޯލަރުގެ ވަގުތީ ބަދަލެއް ހޯދުމަށް ސްރީލަންކާއިން މިހާރުވެސް ވަނީ ހުށަހަޅާފައެވެ. އެ ފައިސާއަކީ މެއި 20، 2021 ވަނަ ދުވަހު ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށް، ނިއްވާލުމަށް ހޭދަވި ފައިސާގެ މިންވަރުން ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ސްރީލަންކާގެ ކަނޑުގެ ދިރުންތަކުގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ހާދިސާއިން ގައުމު ސަލާމަތް ކުރުމަށް ސަރުކާރާއި އެކްސް-ޕްރެސް ފީޑާޒް ފެއިލްވި ކަމުގެ ކުށުގައި، އެ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލާފައެވެ. ކަން މިހެން އޮތް އިރު، ސްރީލަންކާގެ ފުލުހުން ވަނީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި، އެކްސް-ޕްރެސް ޕާލްގެ ހާދިސާ ބަލަން ފަށާފައެވެ.

ތަޖުރިބާކާރުންގެ ޓީމަކުން ހުސްވި ހަފުތާގައި ވަނީ، މި ބޯޓުގެ ކަޅުފޮށި ނުވަތަ ޑޭޓާ ރެކޯޑަރު ހޯދާފައެވެ.

ކެމިކަލް ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށް ރޯވެ، ލަންކާގެ ކަނޑުގެ ސަރަހައްދަށް ފެތިފައިވާ އެކްސް-ޕްރެސް ޕާލް ބޯޓު / ފޮޓޯ: ލަންކާ ނޭވީ

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ގަބޫލު ކުރާ ގޮތުގައި ބޯޓުގައި އަލިފާން ރޯވީ، އެ ބޯޓުގައި ހުރި ކެމިކަލް ކަގޯގެ ސަބަބުންނެވެ. ކެމިކަލް ކާގޯގެ ގޮތުގައި އެ ބޯޓުގައި 22 ޓަނަށް ވުރެ ގިނަ އަދަދެއްގެ ނައިޓްރިކް އެސިޑާއި އެނޫންވެސް ކެމިކަލްތައް ހުރި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ބޮޑުބައެއް، އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އަނދާފައިވާ ފައިބަރުގުލާހާއި، އެތައް ޓަނެއްގެ ޕްލާސްޓިކް ޕެލެޓްތައް، ސްރީލަންކާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ލައްގާފައިވެއެވެ.

މި ބޯޓުގައި 1500 އެއްހާ ކޮންޓޭނަރު ހުރިއިރު، މީގެ ތެރެއިން ނުރައްކާ މުދަލުގެ ގޮތުގައި 81 ކޮންޓޭނަރެއް ފާހަގަ ކޮށްފައިވެއެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ، ބޯޓުގައި ހުރި 300 ޓަނުގެ ބަންކަރު ތެލެވެ. ނަމަވެސް، އަލިފާނުގެ ހާދިސާގެ މި ތެލުގެ ބޮޑުބައެއް އަނދާފައިވުން އެކަށީގެންވާ ކަމަށް، އޮފިޝަލުން ދަނީ ވިދާޅުވަމުންނެވެ. ސްރީލަންކާގެ އޮފިޝަލުންނާއި ބޯޓުގެ އޮޕަރޭޓަރު ވަނީ، އަދި މިހާތަނަށް ބޯޓުން ތެޔޮ ބޭރުވެފައި ނުވާ ކަމަށް ބުނެފައެވެ.