ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅުގައި އުޅެވޭނެ މީހުން ކަނޑައަޅައިފިއެވެ.

ދައުލަތުގެ ވެރިންނަށް ގެދޮރު ހަމަޖެއްސުމުގެ އިސްލާހުގެ ބިލު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހު ނުވަ ވަނަ ދުވަހުއެވެ. އެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ސަބް ކޮމިޓީން ނިންމީ އެ ބިލު ހުށަހެޅި ގޮތަށް އެ ދެ ބޭފުޅުން ދިރިއުޅުއްވާނެ ވަކި ތަނެއް ހަމަޖެއްސުމަށެވެ. އަދި އެތަނުގައި އެފަރާތެއްގެ އާއިލާ މީހުންނަށް ވެސް ތިބެވޭ ގޮތަށް ވަނީ ނިންމާފައެވެ.

އެބިލު ފާސްކޮށްފައިވަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅި އެބިލުގައި މަޖިލީހުގެ ރައީސްއާ ރައީސް ގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއެއް މަޖިލީހުން ހަމަޖައްސައިދޭން ބުނެފައިވާއިރު ރައީސްގެ އާއިލާގެ ގޮތުގައި ހިމަނާފައިވަނީ ރައީސާއެކު ދިރިއުޅޭ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންގެ އިތުރުން މަންމަ އާއި ބައްޕަ ކަމަށް ވަނީ ބިލުގައި ވެއެވެ.

އެހެން ނަމަވެސް މަޖިލީހުގެ ރައީސަށް ކަނޑައަޅާ ގެކޮޅުގައި ދަރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ދަރިންނާއި، 18 އަހަރު ފުރުނަސް ކައިވެނި ނުކޮށް ތިބޭ ދަރިިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދަރިން ދިރިއުޅެވޭނެ ގޮތަށް އިސްލާހު ގެންނަން ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސް ކޮށްފައެވެ.

އެ އިސްލާހު ގެންނަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ގޮތުގައި ވެސް އެގޮތަށް މިހާރު ވެސް އޮތުމުން ކަމަށާއި ތިންބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސާ އިރު ހަމަހަމަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް 241 ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ބުނެއެވެ.

ދައުލަތުގެ އަނެއް ދެ ބާރުގެ އިސްވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅަށް ހަމަޖައްސާދިނުމަށް ރައީސް ނިންމަވާފައިމިވަނީ މިދިޔަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.