ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންނަށް ހައްގުވާ އުޖޫރަ ނުދޭނަމަ ފިޔަވަޅު އަޅާނެކަމަށް އެޗްއާރުސީއެމް އިން ބުނެފިއެވެ.
އެޗްއާރުސީއެމް އިން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން ރޭ ރާއްޖެޓީވީން ވާހަކަދައްކަވަމުން އެޗްއާރުސިއެމްގެ މެންބަރު މުއުމިނާ ވަހީދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ފޮނުވާލުމުގެ ކުރިން އެ ފަރާތްތަކަށް ހައްގުވާ އުޖޫރަ ދޭންޖެހޭނެ ކަމަށެވެ. އަދި މިކަންކަމަށް ފަރުވާކުޑަކުރާ ފަރާތްތަކާމެދު އެ ކޮމިޝަނުން ފިޔަވަޅުއަޅާނެ ކަމަށްވެސް މުއުމިނާ ވިދާޅުވިއެވެ.
މުއުމިނާ އިތުރަށް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމުގައި ވިޔަސް އެ ފަރާތްތަކަށް ހައްގުވާ އުޖޫރަ ދޭންޖެހޭނެ ކަމަށެވެ. އަދި އެއީ އިންސާނީ ހައްގެއް ކަމަށާ އިންސާނީ ހައްގުގެ ނަޒަރިއްޔާއިން ބަލާކަމުގައިވާ ނަމަ އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ވޯކް ވިސާ ނެތި ގަވާއިދާ ހިލާފަށް މަގުމަތީގައި އުޅޭ ބިދޭސީން ހިފަހައްޓައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ ޑިޓެޝަން ސެންޓަރަށް ގެންދަން މިދިޔަމަހުގެ ފަހުކޮޅުގައި ފަށާފައިވާއިރު މުއުމިނާ ވިދާޅުވީ މިދިޔަމަހު 31 ގައި އެ ސެންޓަރަށް އެޗްއާރުސީއެމް އިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
އެ ޒިޔާރަތުގައި އެތަނުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ރިޕޯޓެއް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށްވެސް މުއުމިނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނައް ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާގުޅިގެން އެ ކޮމިޝަނަށް އެއްވެސް ޖަވާބެއް ދީފައިނުވާކަން މުއުމިނާ ފާހަގަ ކުރެއްވިއެވެ.
މުއުމިނާ ވިދާޅުވީ އިތުރު ކަންކަން ބެލުމަށް ޑިޓެންޝަން ސެންޓަރަށް އަންނަ ހަފްތާ ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި މި ޒިޔާރަތުގައި އަނބުރާ ގައުމަށް ފޮނުވާލާ ބިދޭސީ މަސައްކަތްތެރިންގެ ލިޔެކިޔުންތައް ހަދާފައިވާ ގޮތާއި އެމީހުންނަށް ހައްގުވާ މުސާރަ ދީފައި ވޭތޯއާއި އަދި އެމީހުންގެ އެހެނިހެން ކަންތައްތައް ބަލާނެ ކަމަށް ވިދާލުވިއެވެ.
މި ޕްރޮގްރާމަކީ ފުލުހުންނާ އިމިގްރޭޝަނުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ހިންގަމުން ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، އެމީހުންނާ ހަވާލުވާނެ ދިވެއްސެއް ހުރި ނަމަ އެމީހުންގެ ލިޔެކިޔުންތައް ހަމަކޮށް ގަވާއިދާ އެއްގޮތައް އުޅުމުގެ ފުރުސަތު ދެވެއެވެ. އެމީހުންނާ ހަވާލުވާނެ ދިވެއްސެއް ނެތް ހާލަތެއްގައި އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާ ލެވޭނެއެވެ.