ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އިންޑިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާ ކަމަށާ، ޗައިނާއިން އެކަމުގެ ބަދަލު ދޭން ޖެހޭ ކަމަށް، އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކުރީގެ މަޝްހޫރު ޓިވީ ތަރި އަދި އެމެރިކާގެ ތާރީހުގައި 2 ފަހަރަށް ވެރިކަމުން އަޒުލު ކުރެވުނު ރައީސް، ޓްރަމްޕަކީ، ކޮވިޑް-19 ފެތުރިގެން ދިއުމުގެ އިލްޒާމު، ތަކުރާރުކޮށް، ޗައިނާއަށް އަމާޒު ކުރައްވާ ލީޑަރެކެވެ.

ޓްރަމްޕް މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ، ކޮވިޑް-19އަކީ ޗައިނާގެ ލެބެއްގެ އުފެއްދުމެއް ކަމަށާ، އެކަމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާއަށް އެކަނިވެސް 10 ޓްރިލިއަން ޑޮލަރުގެ ބަދަލެއް، ޗައިނާއިން ދައްކަން ޖެހޭ ކަމަށެވެ. އަދި ޗައިނާއިން ދައްކަން ޖެހޭ ހަގީގީ މާލީ ބަދަލުގެ އަގު، މިއަށް ވުރެ އެތައް ގުނައެއް މަތި ވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ހިމެނޭހެން މުޅި ދުނިޔެއަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވަނީ ޗައިނާއަށް ކުރެވުނު ނުވަތަ ކުރި ކަމެއްގެ ސަބަބުން، މުޅި ދުނިޔެ އިނދަޖެހިގެން ދިޔަ ގޮތަށް ބެލުމަށް އިޝާރާތް ކުރައްވާފައެވެ. މިއީ އޮޅުމަކުން ވީ ކަމެއް ކަމުގައި ވީ ނަމަވެސް، ގައުމުތައް އިހު އޮތް ގޮތަށް ރުޖޫއަ ވާން ނެތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ކޮވިޑް-19ގައި އެމެރިކާއަށް ބޮޑު އަސަރެއް ކުރިއިރު، އެހެން ގައުމުތަކަށް އަސަރު ފޯރީ އަދި އެއަށްވުރެވެސް ގަދައަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އަސްލަކީ ކޮބައިކަން ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ހާއްސަ ޕެނަލަކުން ތަހުގީގުތަކެއް ކުރިއަށް ގެންގޮސް، ދިރާސާ ރިޕޯޓް އެކުލަވާލި ކަމުގައި ވީ ނަމަވެސް، ބަލީގެ އަސްލަކީ ކޮބައިކަން ކަނޑައެޅިފައެއް ނުވެއެވެ. މިއީ ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ވާރުތަ ކުރި ވައިރަހެއް ކަމަށް ބުނާއިރު، މިއީ ލެބަކުން ލީކުވި ވައިރަހެއް ކަމަށް ބުނުންވެސް ކަނޑައެޅިގެން ދޮގުކުރެވިފައެއް ނުވެއެވެ.