އަފްގާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ކ.މާލެ، މ.މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ އަންހެނުން އަދި 4 ދަރިންނާ ބެހޭ ގޮތުން މީޑިއާގައި ދައުރުވަމުންދާ މައްސަލައަކީ ޑިސެންބަރު 12 2019 ވަނަ ދުވަހު އެކޮމިޝަނަށް އަލީ ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހެޅި ތަހްގީގް ކުރަމުންދާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެކި ފަހަރުމަތިން އެޗްއާރްސީއެމްއިން ވަނީ އާއިލާއާ ބައްދަލުކޮށްފައި ކަމަށާއި މިމައްސަލަ އެޗްއާރްސީއެމްގެ ސަމާލު ކަމަށް އައިހިސާބުން ފެށިގެން ވަރަށް އިސްކަމެއްދީގެން ކަމާގުޅޭ އެންމެހާ މުއައްސަސާތަކުގެ ސަމާލު ކަމަށް މިމައްސަލަ ގެނެސް މައްސަލައާ ގުޅޭ މައުލޫމާތު ދިޔައީ ހޯދަމުން ކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމްއިން ބުނީ މިމައްސަލައާ ގުޅިގެން އެކޮމިޝަނުން ބެލިބެލުމުން މައްސަލާގައި ހިމެނޭ އަލީ ޝާފިއުއާ އޭނާގެ އަންހެނުންނަކީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން އަފްގާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ތަހްގީގުކޮށް އެގައުމުގެ ސުޕްރީމްކޯޓުން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެމަފިރިންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިދެމަފިރިންނާއެކު 4 ކުޑަކުދިން ވެސް ޖަލުގައި ތިބިކަން ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ. ހަމައެހެންމެ، ހާދިސާ ހިނގިތާ ކުރީކޮޅު މައްސަލާގައި ހިމެނޭ 4 ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްގާނިސްތާނުގެ ސަރުކާރުންވެސް ދެކޮޅު ނޫންކަމާއި ކުދިން ރާއްޖެ ގެނެވޭގޮތަށް އޮތް ކަމަށާއި، ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ގެނައުމުގެ މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން އެކޮމިޝަނާ ހިއްސާކުރި މައުލޫމާތުން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.
އެޗްއާރްސީއެމް އިން އިތުރަށް ބުނީ ކޮވިޑް-19 ގެ ހާލަތާ އަދި އެހެނިހެން މައްސަލަތަކާ ހެދި ކުދިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް ހުރިކަމަށް ކަމާބެހޭ މުއައްސަސާތަކުން ކޮމިޝަނާ ހިއްސާކުރި މައުލޫމާތުގައި ހާމަކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ލިބެމުންދާ ކުރިއެރުންތަކާ ގުޅޭ މައުލޫމާތާއި، މައްސަލައާއި ގުޅިގެން އާއިލާއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ އަދި ޖަލުގައި ތިބި 4 ކުދިން ގެނައުމާ ގުޅޭގޮތުން، ކަމާގުޅުންހުރި މުއައްސަސާތަކާއެކު އެކި ފަހަރު މަތިން ކޮމިޝަނުން ވަނީ ބައްދަލުވުންތަކެއް ވެސް ބާއްވާފައި ކަމަށާއި އަދި މިމައްސަލަ ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު އާއިލާއާ ވާނީ އެކި ފަހަރު މަތިން ހިއްސާކޮށްފައި ކަމަށް އެޗްއާރްސީއެމްއިން ބުނއެވެ.
އެޗްއާރްސީއެމްއިން އިތުރަށް ބުނީ އެޗްއާރްސީއެމުން އެދިގެން އަފްގާނިސްތާނުގެ އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ކުދިންގެ ހާލަތު ބެލުމަށް އާއިލާއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ކުދިން ތިބިތަނުން ރައްކާތެރިތަނަކަށް ކުދިން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް އެގައުމުގައި ހުރި ކުދިން ބަހައްޓާ ތަންތަނަށް ކުދިން ނެގުމުގައި ވެސް ދަތިތަކެއް ހުރުމާއެކު އެކަންވެސް ކާމިޔާބުނުވާކަން އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.