ހުޅަނގު އޭޝިއާ ގައުމުތަކުގެ ތެރެއިން އެ ގައުމުގެ ނަން، ބައިނަލްއަގުވާމީ މީޑިއާގައި އެންމެ ގަދައަށް ފާހަގަ ކުރެވޭ އެއް ގައުމަކީ އީރާންއެވެ. ދަހިލީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ހަލަބޮލި ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ އީރާނަށް، މިއަދަކީ ހާއްސަ ދުވަހެކެވެ. މިއަދު އެ ގައުމު ތައްޔާރު ވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓަށެވެ. ވޯޓުގައި ބައިވެރިވާނެ މީހުންގެ އަދަދު އިންތިހާއަށް މަދުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މިއަދުގެ ވޯޓު ކާމިޔާބު ކުރައްވާނީ، އީރާނުގެ ރޫހީ ލީޑަރު، އާޔަތުއްލޯ އަލީ ހާމަނާއީގެ އަރިސް މެންބަރެއް ކަމަށް ލަފާ ކުރެވެއެވެ.

85 މިލިއަން މީހުންގެ އާބާދީއެއް އޮތް އީރާނުން މިއަދު ރިޔާސީ އިންތިހާބުގެ ވޯޓާ ކުރިމަތިލާފައި ވާއިރު، ގައުމު އޮތީ ހަތުރު އަނގޮޅިއެއްގައި މަޑުޖެހިފައެވެ. އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލި އެއްބަސްވުން އަލުން ދިރުވުމަށް ބާރުތަކުން މަސައްކަތް ކުރަމުން ދާއިރު، އެކަން އޮތީ ކޮޅެއްގައި ނުޖެހިއެވެ.

ކޮވިޑް-19އާ ބެހޭ ގޮތުން އީރާނުގެ ރައީސް ހަސަން ރޫހާނީ ގައުމަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

އެ ގައުމުގައި މިވަގުތު ހުންނެވި ރައީސް، ހަސަން ރޫހާނީއަށް 3 ވަނަ ދައުރަކަށް ވާދަ ކުރެވޭނެ ގާނޫނީ މަގެއް ނެތެވެ. ނަމަވެސް، އޭނާގެ ފަހަތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް މަތިވެފައިވާ، ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ލިސްޓު، އިންތިހާއަށް ދިގެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ، އިގުތިސޯދީ ކާރިސާއެވެ. ފަހުން ބަޔާން ކުރެވިދިޔަ އިގުތިސޯދީ ކާރިސާގެ ސަބަބެއް ކަމަށް ބުނަނީ، އީރާނުގެ ކަންކަން މެނޭޖު ކުރުމުގައި ދާހިލީ ފެންވަރުގައި ފެއިލްވުންތަކެއް އެކުލެވުމާ، އެމެރިކާއިން ކުރިމަތިކުރި ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓުންނަކީ ކޮބާ؟

އީރާނުގައި މިއަދު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި 4 ކެންޑިޑޭޓަކު ވާދަ ކުރެއްވި ނަމަވެސް، ކާމިޔާބު ހޯއްދަވާނެ ކަމަށް ގިނަ ބަޔަކު އެއް ކެންޑިޑޭޓަކު އެބަ ހުންނެވިއެވެ. އެއީ އީރާނުގެ ޖުޑީޝަރީ ޗީފް، އިބްރާހީމް ރައީސީއެވެ. އީރާނުގެ ދައުލަތާ ގުޅިފައިވާ، އީރާނިއަން ސްޓޫޑަންޓްސް ޕޯލިންގް އޭޖެންސީގެ ރެކޯޑްތަކަށް ބަލާއިރު، މި ފަހަރުގެ ރިޔާސީ އިންތިހާބުގެ 64 ޕަސެންޓް ވޯޓު ގެންދަވާނީ ރައީސީއެވެ.

އީރާންގެ ރިޔާސީ އިންތިހާބު 2021 ގައި ވާދަ ކުރައްވާ 4 ކެންޑިޑޭޓުން، (ވާތުން ކަނާތަށް) ޢަބްދުއްނާސިރު ހިއްމަތީ، މުހްސިން ރިޒާއީ، އާމިރު ހުސައިން ޣާޒީޒާދީ ހާޝިމީ އަދި އިބްރާހީމް ރައީސީ / ފޮޓޯ: އޭޕީ

ދެން ތިއްބެވި ކެންޑިޑޭޓުންނަކީ އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޢަބްދުއްނާސިރު ހިއްމަތީ، އީރާނިއަން ރިވަލޫޝަނަރީ ގާޑްސް ކޯގެ ކުރީގެ ކޮމާންޑަރެއް ކަމަށް ވާ މުހްސިން ރިޒާއީ އަދި ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް، އަމިރު ހުސައިން ޣާޒީޒާދީ ހާޝިމީއެވެ.

މިހާ ހިސާބަށް އާދެވުނު ގޮތަށް ބަލާއިރު، ރިޔާސީ ރޭހުގައި ވާދަ ކުރުމަށް، ގާޑިއަން ކައުންސިލުން ފާސް ކުރީ އެންމެ 7 ކެންޑިޑޭޓުންގެ ނަމެވެ. އެއީ ރަޖިސްޓްރީ ކުރި 600 އެއްހާ މީހުންގެ ތެރެއިންނެވެ. މެދުމިނުގެ ފިކުރަށް ތާއީދު ކުރާ ގިނަ ނަންތަކެއް ބާތިލު ކުރިއެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންގެ ނަންތައްވެސް ލިސްޓުން އުނިކުރިއެވެ. ފާޑުކިއާ ފަރާތްތަކުން ބުނަމުން ދަނީ، މިއީ ހަރުކަށި ފިކުރުގެ މީހުންނާ ވީ ކޮޅަށް އިންތިހާބު ކަށަވަރު ކުރުމަށް، ވޯޓާ ކުޅުމަށް ކުޅުނު ކުޅިއެއް ކަމަށެވެ. ހުސްވި ހަފުތަ ތެރޭގައި 3 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އިބްރާހީމް ރައީސީއާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ މައުލޫމާތަށް ބަލާއިރު، އުމުރުން 60 އަހަރުގެ ރައީސީއަކީ ރޫހީ ލީޑަރު ހާމަނާއީގެ އިތުރުން، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ ރިވަލޫޝަނަރީ ގާޑުންނާ ގާތް ގުޅުމެއް އޮންނަ، ޝީޢީ މުސްލިމް ފިކުރުގެ އިމާމެކެވެ.

އީރާންގެ ރިޔާސީ އިންތިހާބު 2021 ގައި ވާދަ ކުރައްވާ ޖުޑީޝަރީ ޗީފް، އިބްރާހީމް ރައީސީ / ފޮޓޯ: ފްރާންސް 24

2017 ވަނަ އަހަރުގެ ރިޔާސީ ރޭހުގައިވެސް ރައީސީ ވާދަ ކުރެއްވިއެވެ. އެ ފަހަރު އޭނާއާ ނާކާމިޔާބުވީ މިހާރުގެ ރައީސް، ރޫހާނީއާ ވާދަ ކުރައްވައިގެންނެވެ. އޭގެ 2 އަހަރު ފަހުން، ހާމަނާއީ ވަނީ، އީރާނުގެ ޖުޑީޝަރީގެ އެންމެ އިސް ވެރިޔާގެ މަގާމަށް ރައީސީ އިސްކުރައްވާފައެވެ.

އީރާނުގެ މަސްރަހު ދިރާސާ ކުރާ އެނަލިސްޓެއް ކަމަށްވާ އިއާން ބްރޭމާ ވިދާޅުވާ ގޮތުގައި، ރައީސީއަކީ ހުޅަނގުގެ ސަރުކާރުތަކާ ކަނޑައެޅިގެން ދެކޮޅު ފިކުރެއް ގެންގުޅުއްވާނެ ޝަހްސެކެވެ.

ބުނެވޭ ގޮތުގައި ރައީސީއަކީ، 1988 ވަނަ އަހަރު އީރާނުގައި ހައްޔަރު ކޮށްފައި ތިބި އެތައް ހާސް ސިޔާސީ ގައިދީނެއް، ގާނޫނީ އިމުން ބޭރުން، މެރުމުގެ އަމުރު ނެރުނު "ޑެތު ކޮމިޝަން"ގެ ބައިވެރިއެއްވެސް މެއެވެ.

އީރާންގެ ރިޔާސީ އިންތިހާބު 2021 އަށް ތައްޔާރުވުމުގެ ތެރެއިން / ފޮޓޯ: ބޭނިއުސް 9

އިންތިހާބީ މޫޑު އޮތީ ކިހިނެއް؟

އީރާނުގެ ގިނަ ބަޔަކަށް މިއަދުގެ އިންތިހާބުގައި މާ ބޮޑު އުއްމީދެއް ނެތެވެ. ގިނަ ބަޔަކު ވަނީ އިންތިހާބު ބޮއިކޮޓް ކުރަންވެސް ގޮވާލާފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައި ވާ 59 މިލިއަން މީހުންގެ ތެރެއިން، މިއަދުގެ ވޯޓުގައި ބައިވެރިވާނެ ކަމަށް ލަފާ ކުރެވެނީ އެންމެ 42 ޕަސެންޓް މީހުންނެވެ. މިއީ އީރާނުގެ ރިޔާސީ އިންތިހާބުގެ ތާރީހަށް ބަލާއިރުވެސް، ރެކޯޑް މިންވަރަކަށް ދަށް އަދަދެކެވެ.

އިންތިހާބުގައި މަދު ބަޔަކު ބައިވެރިވުމަކީ، އީރާނުގެ ދުޝްމަނުންނަށް ދެވޭ ހިތްވަރަކަށް ވެދާނެ ކަމަށް، ހާމަނާއީ ވަނީ އިންޒާރު ކުރައްވާފައެވެ.

އީރާންގެ ރިޔާސީ އިންތިހާބު 2021 ގައި ވާދަކުރުމަށް 600 މީހުން ދަފުތަރު ކުރި ނަމަވެސް، ފާސްކޮށްފައި ވަނީ އެންމެ 7 ނަން / ފޮޓޯ: ދަ ނިއުޔޯކާ

އީރާނުގެ އާ ރައީސަކަށް ވާނީ ރައީސީ ކަމަށް ގިނަ ބަޔަކު ބުނާއިރު، އިންތިހާބެއްގެ ބޭނުމެއް ނެތް ކަމަށް ގަބޫލު ކުރާ މީހުންގެ އަދަދުވެސް ގިނައެވެ. ކަން މިހެން އޮތް ނަމަވެސް، ރައީސީއަކީ އީރާނު ރައްޔިތުންގެ ލޯބި ހާސިލުކުރެއްވުނު ކެންޑިޑޭޓެއް ނޫން ކަމަށާ، އެހެން ކަމުން، މިފަހަރުގެ އިންތިހާބުގައިވެސް ކޮންމެވެސް ވަރެއްގެ އުއްމީދެއް އޮތް ކަމަށް ބުނާ މީހުން އުޅެއެވެ.