ނިމިގެން މިދާ ހަފުތާގައި ބައިނަލްއަގުވާމީ ނަޒަރު އެންމެ ވަރުގަދައަށް ހުއްޓިފައި އޮތް އެއް އިވެންޓަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާ ދެމެދު، ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ގެންދެވި މަޝްވަރާތަކުގެ އިވެންޓެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުގެ ގުނާލެވޭ އެމެރިކާއާއި ރަޝިއާގެ އެންމެ އިސް ލީޑަރުންގެ މެދުގައި 2018 ވަނަ އަހަރަށްފަހު، މަތީ ފަންތީގެ ބައްދަލުވުމެއް މިފަދަ ގޮތަކަށް ކުރިއަށް ގެންދަވާފައި ނުވާއިރު، ޖޫން 16، 2021 ވަނަ ދުވަހު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ލީޑަރުންވެސް ވަނީ މަޝްވަރާތައް ކާމިޔާބު ކަމަށް އިޝާރާތް ކުރައްވާފައެވެ. ނަމަވެސް، ބިނާ ކުރަނިވި ރޫހެއްގައި، މާ ބޮޑު ކުރިއެރުންތަކެއް ހާސިލު ކުރެވިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

ރަޝިއާގެ ރައީސް ވްލޭޑިއާ ޕޫޓިން (ވ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން / ފައިލް ފޮޓޯ: ސީއެންއެން

ބައްދަލުވުމާ ބެހޭ ގޮތުން ބައިޑަން ވިދާޅުވީ ދެބަސްވުންތަކެއް އުފެދުނު ކަމަށާ، ނަމަވެސް ހައްދުފަހަނައަޅާ ގޮސްފައި ނުވާ ކަމަށެވެ. އަދި ރަޝިއާއިން ދެވަނަ ފިނި ހަނގުރާމައަކަށް ދާން ބޭނުން ނުވާ ކަމަށް ބައިޑަން ވަނީ މިސާލު ޖައްސަވާފައެވެ. ޕޫޓިން ވިދާޅުވީ، ބައިޑަންއަކީ ތަޖުރިބާކާރު ލީޑަރެއް ކަމަށާ، ދެ ބޭފުޅުންގެ ވާހަކަވެސް ހުރީ އެއް ރޫހެއްގައި ކަމަށެވެ.

3 ގަޑިއެއް ހާއިރަށް މަޝްވަރާތައް ކުރިއަށް ގެންދެވިއިރު، މިއީ ތާވަލު ކުރި ވަގުތަށް ވުރެ ކުޑަ ވަގުތުކޮޅެކެވެ. ބައިޑަން ވިދާޅުވީ ރަޝިއާއާއި ގުޅުން ބަދަހި ކުރުމުގެ އިހުލާސްތެރި ތަސައްވުރެއް ލިބިވަޑައިގެންފައި ވާ ކަމަށާ، މަޝްވަރާތަކުގައި އިތުރު ވަގުތުތަކެއް ހޭދަ ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރަޝިއާގެ ރައީސް ވްލޭޑިއާ ޕޫޓިން (ވ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން / ފައިލް ފޮޓޯ: ގްލޯބަލް ޓައިމްސް

ރަޝިއާއާއި އެމެރިކާއިން ވަނީ، ނިއުކްލިއާ ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ މަޝްވަރާތައް ފެށުމަށް އެއްގަލަކަށް އަރާފައެވެ. އަދި ދެ ގައުމުން، އަނެއް ގައުމަށް ކަނޑައަޅާފައިވާ އެމްބެސެޑަރުން އަލުން ފޮނުވުމަށްވެސް ރަޝިއާއާއި އެމެރިކާއިން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ދެ ގައުމުގައި ތިބި އަނެއް ގައުމުގެ މަންދޫބުން އަނބުރާ އަމިއްލަ ގައުމަށް ގެންގޮސްފައި ވަނީ، މާޗް މަހުގެ މަޝްވަރާތަކަކަށް ފަހުގައެވެ. އެއީ 2020 ވަނަ އަހަރުގެ ފަހުކޮޅު، އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބަށް، ރަޝިއާއިން ނުފޫޒު ފޯރުވި ކަމަށް އެމެރިކާއިން ތުހުމަތު ކުރި މައްސަލާގައެވެ.

ކަން މިހެން އޮތް އިރު، ސައިބާ ސެކިއުރިޓީގެ މައްސަލައާ، ޔޫކްރައިންގެ މުސްތަގުބަލާ، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީގެ މައްސަލާގައި ޕޫޓިންއާއި ބައިޑަންއާ ދެމެދު އެއްބަސްވުމަކަށް ވަޑައިގެންނެވިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

ރަޝިއާގެ ރައީސް ވްލޭޑިއާ ޕޫޓިން (ވ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން / ފައިލް ފޮޓޯ: ދަ މޮސްކޯ ޓައިމްސް

އިންސާނީ ހައްގުތަކާ، މުޒާހަރާ ކުރުމަށް އޮންނަ މިނިވަންކަމުގެ ދާއިރާގައިވެސް ދެ ގައުމުގެ ލީޑަރުން ވަނީ ދެބަސްވެވަޑައިގެންފައެވެ. ދެ އަހަރާއި ބައިގެ ޖަލު ހުކުމެއްގައި ނަވާލްނީ ހުރިއިރު، ޖަލު ބަންދުގައި ނަވާލްނީ މަރުވެއްޖެނަމަ، ގެއްލުންދެނިވި ނަތީޖާއަކާ ރަޝިއާއަށް ކުރިމަތިލާން ޖެހޭނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ސައިބާ ހަމަލާތަކުގެ މައްސަލާގައި ޕޫޓިން ވިދާޅުވީ، ރަޝިއާއަށް އަމާޒުކޮށްގެން ދޭ މިފަދަ ގިނަ ހަމަލާތައް އުފެދިގެން އަންނަނީ އެމެރިކާއިން ކަމަށެވެ. ބައިޑަން ވަނީ، ހެކް ކުރުމުގެ މިފަދަ ޖަރީމާތައް ހިންގާއިރު، ފެނާއި ހަކަތައިގެ ނިޒާމުތަކަށް ހަމަލާ ދެވިގެން ނުވާނެ ކަމަށެވެ.

މުރާސިލުން ބުނާ ގޮތުގައި ޕޫޓިން ގެންދަވަނީ އޭނާއަށް ލިބިވަޑައިގެންފައިވާ އިމްތިޔާޒުތައް، އޭގެ ފުޅާ ދާއިރާއަކަށް ތަންފީޒު ކުރައްވަމުންނެވެ. އަދި އެކަމަށް ދޭނެ ރައްދެއް ހިޔާރު ކުރެއްވުމަށް، އާހިރުގައި ބައިޑަންއަށް މަޖުބާރުވާނެ ކަމަށެވެ.