"އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމަށް ބޭނުންވާ ފެރީގެ މަސައްކަތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ބައްލަވާލައްވައިފިއެވެ.

ސްޕީޑް ފެރީ ބަންނަނީ ގަލްފް ކްރާފްޓާ ހަވާލު ކޮށްގެންނެވެ. އެ މަސައްކަތް ގަލްފާ ހަވާލު ކުރީ މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު އެވެ. ޖުމްލަ 17 ފެރީއެއް ހަދަމުންދާ އިރު މި ފެރީތަކަކީ 50 ފަސިންޖަރުންގެ ޖާގައިގެ ފެރީއެވެ.

އެމްޓީސީސީން މިހާރު ބޭނުން ކުރާ ފެރީތަކަށް ވުރެ އަލަށް ބަންނަ ފެރީތަކުގެ ސްޕީޑް 3 ގުނަ އަވަސް ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ފެރީތައް ބަނުމުގައި އިސްކަން ދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަކަށް ކަމަށާއި އެގޮތުން ފެރީގެ ސީޓާއި، ފަސިންޖަރުންގެ ކެބިން ފަރުމާ ކުރަނީ އެފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހާއްސަ އިންތިޒާމްތަކެއް އެ ފެރީތަކުގައި ގާއިމް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ބަންނަ ސްޕީޑް ފެރީގެ ހިދުމަތް މި އަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.