މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލީ މީހެއްގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

އެމައްސަލާގައި އުމުރަށް ޖަލަށްލާން ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ ހ.ބްރެޑްލީ، ހުޒައިމަތު ނައީމު އަށެވެ.

ހުޒައިމަތު ބަލާ ފާސްކުރި އިރު އޭނާ އަތުން 17.3 ގުރާމުގެ ކެނަބިސް ވަނީ ފެނިފައެވެ. އަދި އޭނާ އަށް ވަނީ ކެނަބިސް ޓްރެފިކުކުރުމުގެ ދައުވާ ކޮށްފައެވެ.

އެ މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

ހުޒައިމަތުގެ މައްޗަށް ދަށު ކޯޓުން 100،000 ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމުގެ ހުކުމް ވަނީ އިއްވާފައެވެ. އެހެން ނަމަވެސް ހައިކޯޓުން މިއަދު ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.

ހައިކޯޓުން އެހުކުމް ބާތިލްކުރީ މަސްތުވާތަކެތީގެ ބަރުދަން ފުލުހުން ބެލި ގޮތް ކަމުނުގޮސްގެން ކަމަށް ހުކުމްގައި ބުނެއެވެ.

އެގޮތުން ހުޒައިމަތު އަތުން ފެނުނު ދަޅުގައި ހުރީ 11.34 ގްރާމުގެ ޓެޓްރާހައިޑްރޯކެނަބިނޯލް އާ 1.05 ގްރާމުގެ ކެނެބިނޯލްއާ އެކު ޖުމްލަ 17.3 ގްރާމު ކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުގައި ބުނި ނަމަވެސް އެ ދަޅުގައި އިމްޕިއުރިޓީސް ނުވަތަ އެހެން މާއްދާތައް ފެނުނު ނަމަވެސް، އޭގެބަރުދަން ބުނެފައި ނުވާތީ ކަމަށް ހުކުމުގައި ބުނެއެވެ.

އެހެން ކަމުން ބުރަދަން 17.3 އަށް އަރާ ގޮތެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޔަގީންނުވާ ކަމަށް އެހުކުމުގައި ބުނެއެވެ.