އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދުއެވެ. އެކަން އިއުލާން ކުރައްވާފައި ވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މަގާމުން އިސްތުއުފާ ދެއްވި ނަމަވެސް އަދިވެސް އާންމުން އޭނާއަށް މުހާތަބު ކުރަނީ "އީސީ ޝަރީފޫ" މިހެންނެވެ. މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެ ނަމެއް ނުނެއްޓުނެވެ.

މަގާމުން އިސްތިއުފާ ދެއްވި ފަހުން ވެސް ސޯޝަލް މިޑިއާގައި އެ ހަބަރު ހިއްސާކުރާ މީހުން ކެޕްޝަންގައި ޖަހަނީވެސް "އީސީ ޝަރީފޫ" އެވެ. މިކަމާ ގުޅިގެން މަޖާޒީ ގޮތަކަށް ޝަރީފް ވިދާޅުވަނީ، "އިސްތިއުފާ ދީނާމާ ވެސް ހަމަ އީސީ ޝަރީފޫ ތަ؟" އެވެ.

އީސީގެ ރައީސްގެ މަގާމުގައި ހުންނެވި އިރު ޝަރީފަށް "އީސީ ޝަރީފޫ" ގެ ނަމުން ގޮވައި މުހާތަބު ކުރުމަކީ އާންމުންގެ ތެރޭގައި ސަމާސާއަށް ކުރާ ކަމަށް އޮތީ ވެފައެވެ. ޝަރީފުއާ ގުޅޭ ގޮތުން ވާހަކައެއް ދެކެވޭ ކަމަށް ވާ ނަމަ ކޮމެންޓް ސެކްޝަންގައި ވެސް "އީސީ ޝަރީފޫ" މިހެން ކޮމެންޓް ނުލިޔާ ޕޯސްޓެއް މަދުވާނޭ ބުނެވިދާނެއެވެ.

މިކަން ވައިގަ ހިފައިގެން އައިސްފައި ވަނީ މިދިޔަ ރިޔާސީ އިންތިހާބަށް ފަހު އެވެ. މި ނަން މިގޮތަށް ކިޔުން އާންމުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބު ވެވަޑައިގަތުމުން އިދިކޮޅުން ބޭއްވި ހަރަކާތްތަކުގައި "އީސީ ޝަރީފޫ" އޭ ކިޔާ ގޮވުމުންނެވެ. އަދި މިނަމުން ޝަރީފަށް މުހާތަބު ކުރި މީހާ މަޝްހޫރުވެ އެ އަޑު ކަންފަތުގައި ޖެހުނަސް ކޮންމެ ތާކު ހުޓަސް "އެއީ ސޫދާ" ކަން އެނގޭނެ ކަމަށް މީހުން ބުނެއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު ސޫދާ އަބްދުﷲ

އޭރު އިދިކޮޅުން ބޭއްވި ހަރަކާތްތަކުގައި ޕީޕީއެމް ކައުންސިލް މެންބަރު ސޫދާ އަބްދުﷲ "އީސީ ޝަރީފޫ" އޭ ކިޔައި، ޝަރީފަށް ފާޑުކިޔައިފައި ވާ އޯޑިއޯ ކްލިޕެއް ވަނީ އާންމު ވެފައެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ އޭނާގެ މީމްތަކާއި ރިމިކްސް ކޮށް ރެޕްލަވައިގެ ގޮތުގައި ވެސް ވީޑިއޯތަކެއް ހަދާ އާންމުން ކޮށްފައެވެ. އޭގެ ފަހުން އާންމުންގެ ތެރޭގައި މަގުބޫލު ކަމެއް ހޯދަމުން އަންނަ މުނިފޫހިފިލުވައި ދޭ އެޕެއް ކަމަށްވާ ޓިކްޓޮކުން ވެސް އެ އޯޑީއޯ ވަނީ ޖާގަ ހޯދާފައެވެ. ޓިކްޓޮކްގައި ވެސް ވައިރަލް ވި އެ އޯޑިއޯއަށް އެތައް ދިވެހިންނަކާއި ބިދޭސީން ހިމެނޭ ގޮތަށް ވަނީ ވީޑީއޯތައް ހަދާފައެވެ.

އީސީގެ ރައީސް ކަމުން ޝަރީފް އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވާ މަޑު ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބު ނިމެންދެން ކަމަށް ވިދާޅުވެފައި ވެއެވެ. އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވިދާޅުވީ ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރި، އަމާނާތްތެރި ކަމާއެކު މަސައްކަތް ކުރެވުނު ކަމުގެ ހިތްހަމަ ޖެހުން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އާންމުން ޝަރީފަށް "އީސީ ޝަރީފު" ކިޔުން އާންމުވެފައިވާ މި ދަނޑިވަޅުގައި އެހެން މާގާމެއްގައި ހުންނެވިޔަސް އެނަން ބޭނުން ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަން މިހާރު ވެސް ސޯޝަލް މީޑިއާއިން ފެންނަ ލިޔުންތަކުން އެނގެއެވެ. އަދި އެނަން އެއޮތީ ހަރުލާފައި ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.