ދާދި ފަހުން އިންޑިއާއަށް ކުރިމަތިލާން ޖެހުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ރާޅާއެކު ބަންދުކޮށްފައި އޮތުމަށްފަހު، މާދަމާއިން ފަށައިގެން، ތާޖު މަހަލްވެސް ހުޅުވާލަން ނިންމާފައި ވާ ކަމަށް، އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) އިން ހާމަކޮށްފިއެވެ.

ކޮވިޑް-19ގެ 2 ވަނަ ރާޅާ ގުޅިގެން އިންޑިއާއިން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ލުއިތައް ދީފައި ވަނީ، ފާއިތުވީ 14 ވަރަކަށް ދުވަހުވެސް، އިންޑިއާގެ ކޮވިޑް ކޭސް ނަމްބަރުތައް ދަށްވަމުން ދިއުމުގެ ސަބަބުންނެވެ. ހޯމަ ދުވަހު އިންޑިއާއިން 70421 މީހަކަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކޮށްފައި ވާއިރު، މިއީ މާޗް 31، 2021 އަށް ފަހު، މިހާ ދަށުން ޕޮޒިޓިވް ކޭސް ރިޕޯޓް ކުރި ދުވަހެވެ.

ލުއި ދިނުމުގެ ތެރެއިން، އާންމުންނަށް ތާޖު މަހަލް ހުޅުވާލާއިރު، އެ ތަނަށް ޒިޔާރަތް ކުރަން އެދޭ ފަރާތްތަކުން، އޮންލައިންކޮށް ބުކިންގް ހަދާ، ޓިކެޓް ނަގަން ޖެހޭނެ ކަމަށް އޭއެސްއައިއިން ބުނެއެވެ. އިންޑިއާގެ ފަތުރުވެރިކަމާ ސަގާފަތާ ބެހޭ ވަޒީރު، ޕްރަލާދު ޕަޓޭލް ވަނީ، މިފަދަ ބިނާތައް އަލުން ހުޅުވުމުގެ ހުއްދަ ދޫކޮށްފައި ވާނެ ކަމަށް ވިދާޅުވެ، ޓްވީޓެއްވެސް ކުރައްވާފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ، ބިނާތަކަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ޖިސްމާނީ ގައިދުރު ކަމުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ދަމަހައްޓާނެ ކަމަށެވެ. އަދި ސަރަހައްދުތައް ސެނިޓައިޒް ކުރުމުގެ މަސައްކަތް، ދުވާލަކު 3 ފަހަރު ކުރިއަށް ގެންދާނެ ކަމަށެވެ.

ތާޖް މަހަލްއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް، އެއްވެސް އެއްޗެއްގައި އަތް ނުލެވޭނެ ކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާއިން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައި ވާއިރު، ސިއްހީ ތަޖުރިބާކާރުން ވަނީ 3 ވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.