އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ، އެންމެ މުއްސަނދި 7 އިގުތިސޯދު (ޖީ-7)ގެ ބައްދަލުވުމަކަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް، ސޫރިޔާއާއި ލީބިއާ އޮޅިވަޑައިގެންފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވަނީ، "ލީބިއާ"ގެ ރައްޔިތުންގެ ލާބައާ މަންފާއަށް، ރަޝިއާއާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. އެ ހާލަތުގައި ބައިޑަން ހަގީގަތުގައި ރިއާޔަތް ކުރެއްވީ ސޫރިޔާގެ މަސްރަހަށެވެ. އެހެނީ، ދިގުލާ ގޮސްފައި ވާ ސޫރިޔާގެ ދާހިލީ ހަނގުރާމާގައި، ރަޝިއާ އަދި އެމެރިކާއިން "ބައިވެރިވަމުން" އަނަތާވެސް އެތައް ދުވަހެއް ވެފައި ވާ ކަމެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޖީ-7ގެ ބައްދަލުވުންތަކުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބައިޑަން، ބުދަ ދުވަހުގެ ވަގުތެއްގައި، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާ ބައްދަލު ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ބައްދަލު ކުރެއްވުން ކުރިއަށް ދާނީ ސުވިޓްޒަލަންޑްގެ ޖެނީވާގައެވެ.

ޖީ-7ގެ ބައްދަލުވުންތަކުގައި، ރަޝިއާއާއި ޗައިނާއާ ދެކޮޅަށް ބައިޑަން ގެންގުޅުއްވަނީ ހަރުކަށި ރޫހެއް ކަން ފާހަގަ ކުރަން ޖެހެއެވެ. ބައިޑަން ވަނީ އެ ގައުމުތަކަކީ އާ ގޮންޖެހުންތަކެއް ކުރިމަތި ކުރުވަނިވި ގައުމުތަކެއް ކަމަށް ވިދާޅުވެފައެވެ.