ބޭރު މީހުންނާއި ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ރާއްޖޭގައި އެއާޕޯޓުތައް ހިންގޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް އިސްލާހު ގެނައުމާ ގުޅިގެން ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަނދާން ވަނީ ހޯމް މިނިސްތަރު އިމްރާން އަބްދުﷲ އިސްވެ ހުންނަވާ ޓީޝާޓްގައި އަދި ބޮލުފޮތީގައި "GMRGo#" ބޭންޑް އަޅައިގެން އެއްގަމާއި ކަނޑު މަތީގައި ގައުމީ ހަރަކާތްތަކުގެ ނަމުގައި ހިންގުނު އިހުތުޖާޖު މަތިން ކަމަށެވެ.
އެގޮތުން މިއަދު އިންޑީއާގެ ސިފައިން ރާއްޖޭގެ އެކި އެކި އެއާޕޯޓުތަކުގައި ޖާގަ ހޯދައިރު އިމްރާން ހުންނެވީ ބައިވެރި ވެގެން ކަމަށް ސަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި އެފްޑީއައިއަށް ހުޅުވާލާއިރު ދައުވަތުދޭ ގައުމުން ކޮންމެހެން ބަލަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި އޭގެ ތެރޭގައި ލޯކަލް ވަޒީފާއާ، ޓެކްނޮލޮޖީ އަދި ސްކިލްސް ޓްރާންސްފާ އަދި އުފެއްދުންތެރިކަން ކަމަށް އިސްކަން ދިނުން ހިމެނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންޑިއާ އިން އަންނަ އެފްޑީއައިތަކަށް އަންނަނީ އިންޑިއާ ސިއްރު އެޖެންޑާގެ ތެރެއިން ކަމަށް ވެސް ސަރީފު ވަނީ ފާހަގަ ކުރައްވާފައެވެ.
ހަމައެހެންމެ ޖީއެމްއާރްއިން އެފްޑީއައި ނަމުގައި އަމަލު ކުރަނީ ވޯސްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އިންޑަނޭޝަނަލް ޓްރޭޑް ރެގިއުލޭޝަން އާ ހިލާފަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އިންޑިއާގެ އެޖެންޑާގެ ތެރެއިން މާލޭގައި އޮތް ވިޔަފާރިތައް ހުޅުލެއަށް ބަދަލުކޮށް މުޅި ރާއްޖޭގެ އިންޑަސްޓްރީ ތަކުގެ މަސައްކަތް ކޮންޓްރޯލްކޮށް، ހުޅުލެ އިންޑިއާގެ ސިޓީއަކަށް ބަދަލު ކުރުމުގެ ވިސްނުމުގައި ކަމަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިއްޔެ ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އާންމުކޮށްފައި ވާ އެފްޑީއައި ޕޮލިސީގެ އެނެކްސް 1 ގެ ކޯޑު H3 އަށް އިސްލާހު ގެނެސްފައި ވާ ކަމަށެވެ. މީގެ ކުރިން އެ ކޯޑުގައި ފްރެއިޓް ހިދުމަތް ހިމެނޭހެން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ކަމުގައި ވިޔަސް ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ. ނަމަވެސް އެއީ ފްރެއިޓް ސާވިސް ނުހިމެނޭ ގޮތަށެވެ.
އިއްޔެއިން ފެށިގެން އަމަލު ކުރަން ފަށާ މި އިސްލާހުގައި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތާއި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށް ވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.
އެފަދަ އިންވެސްޓުމަންޓު ތަކުން މިނިމަން އިނީޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެެއެވެ. އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާ ރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.
ރާއްޖޭގައި އެއާޕޯޓު ހިންގައި އޮފަރޭޓް ކުރުމުގެ ހުއްދަ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދޭގޮތަށް އެފްޑީއައި އުސޫލަށް ބަދަލު ގެނެސްފައި ވަނީ ރާއްޖޭގެ އުތުރުން އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ އާ ހަވާލު ކުރަން އުޅޭކަމަށް އަޑުތައް ގަދެވެފައި ވަނިކޮށެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން އިންޑިއާ ކުންފުންޏަކުންނެވެ.