ސައުދީ އަރަބިއްޔާގެ މައްކާއާއި މަދީނާގައި ހުންނަ މުސްލިމުންގެ މުގައްދަސް 2 މިސްކިތުގައި ޒަމްޒަމް ފެން ބެހުމުގެ އަމަލީ ޒިންމާތައް، ރޮބޮޓުންނާ ހަވާލުކޮށް، އެކަން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ރޮބޮޓުން މެދުވެރިކޮށް، ޒަމްޒަމް ފެން ބެހުމުގެ މަޝްރޫއު ލޯންޗް ކޮށްދެއްވީ، މުގައްދަސް 2 މިސްކިތުގެ އިދާރީ ބެލެހެއްޓުންތެރި އިސް ފަރާތުގެ ގޮތުގައި ހުންނެވި، ޝައިހް އަބްދުއްރަހުމާން އަލް ސުދައިސްއެވެ.

ޒަމާނީ ޓެކްނޮލޮޖީ ތައާރަފު ވުމާއެކު އިންސާނުންނަށް ހިދުމަތް ކުރުމުގައި އެ ޓެކްނޮލިޖީ ބޭނުން ކުރެވޭ ކަމަށާ، މާތް ﷲގެ ވާގިފުޅާއެކު، މި މަޝްރޫއުގެ ސަބަބުންވެސް އަޅުކަން ކުރާ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ސުދައިސް ވަނީ ވިދާޅުވެފައެވެ.

މުގައްދަސް 2 މިސްކިތުގައި އަޅުކަން ކުރާ ފަރާތްތަކަށް ޒަމްޒަމް ފެން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރޮބޮޓްތައް ފަރުމާ ކޮށްފައި ވަނީ، އިންސާނުންނާ ކޮންޓެކްޓް ނުވެ، އަދި އަޅުކަން ކުރާ ފަރާތްތަކަށް ހުރަހަކަށް ނުވާނެ ފަދަ ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެހެންނެވެ.

މާތް ވެގެންވާ މަސްޖިދު އަލް ހަރަމް ސްޓެރެލައިޒް ކުރުމުގެ މަސައްކަތަށް، 10 ސްމާޓް ރޮބޮޓް ތައާރަފު ކުރީ ހުސްވި ހަފުތާގެ ތެރޭގައެވެ.