ފެނަކަ ކޯޕަރޭޝަންއިން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިއީ ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ކަމުގައި ބުނެ ފެނަކައިން ގަނެފައިވާ 500 ހޮޅި ގަތުމާ ގުޅޭ މައްސަލައެކެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވި ފަރާތުން އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައި ވަނީ އެ ތަކެތި ފުވައްމުލަކު ޕަވާހައުސްއަށް ބޭނުންވާ ކަމަށް ބުނެ، އެތަނުން ކޯޓޭޝަން ހަދުވާފައި ވަނީ މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ ޑިރެކްޓަރެވެ. މި ޑިރެކްޓަރަކީ ކުރިން ގދ.ގައްދޫ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރުގެ މަޤާމުގައި ހުއްޓައި މާލެ ހެޑް އޮފީހަށް ވަޒީފާ ބަދަލުކޮށް ޕްރޮމޯޝަނެއް ދީފައިވާ ޒާހިރު އުސްމާނުކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފުވައްމުލަކުގެ ޕަވާ ސްޓޭޝަނަށް ބޭނުންވެގެން ކަމަށް ބުނެ، ޕާޗޭސް އޯޑަރު ހަދައިގެން އަޒްވޯރާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުން ގަނެފައިވާ މި ހޮޅިތައް އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން ފެނަކައިން އެ ހޮޅިތައް ގަނެފައިވާ އަގަށް ވުރެ ކުޑަ އަގެއްގައި ވިއްކަން ހުށަހަޅާފައިވާ ކަަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

މި މައްސަލއާ ގުޅިގެން، 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ، ފެނަކައިގެ މައްސަލައެއް ބަލަމުންދާ ކަމަށް ދެކެވޭ ވާހަކަ މީޑިއާއަށް އެރީ ވަރަށް ފަހުން ކަމަށެވެ. އެ މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އޭސީސީއަށް ހުށަހެޅި މައްސަަލައެއް ކަމަށާއި އެމައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު 7 ވަނަ ދުވަހުން ފެށިގެން އަންނަނީ ބަލަމުން ކަމަށެވެ.

އަދިވެސް އެ މައްސަލަ ބަލާ ނުނިމޭ ކަމަށް ހަސަން ވުދާޅުވިއެވެ. އަދި އެ މައްސަލަ ބަލާ ނިމުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް މީގެ ކުރިން ވަނީ 27 މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ ތުހުމަތުތައް ސައީދު ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ ސީޔާސީ ރޭވުމެއް ކަމަށާއި އެ ތުހުމަތު ކުރަނީ ކުންފުނީގެ އަގު ވައްޓާލަން ކަމަށެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާން ކޮށްފައިވާ މި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.