މިދިޔަ މަހު 26 ވަނަ ދުވަހު ރޭ މާލޭގައި ހިނގި ނުރައްކާތެރި ސައިކަލު އެކްސިޑެންޓެއް ގައި މީހަކު މަރުވެފައި ވާއިރު އެތަނުގައި މަޑުނުކޮށް ފިލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އެ ރޭ 10:00 ހާ އިރު އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން މީހާ ވަނީ އެތަނުގައި ހުރި ގާޑިއަލެއްގެ މުއްދަނޑު އޭނާގެ ކަރަށް ވަދެ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެ ފައެވެ.
މި އެކްސިޑެންޓުގައި މަރުވީ އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ.
މި އެކްސިޑެންޓު ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެވީޑިއޯ އިން ފެންނަ ގޮތުގައި އެ ގޯޅީގެ އެއް ފަރާތުގައި ފެހި ކުލާގެ ގާޑިޔާއެއް އޮތެވެ. އަދި މަގުމެދުގައި ދެ ސައިކަލެއް ވެއްޓިފައި އޮތްއިރު އެ ސަރަހައްދަށް މީހުން އެއްވިއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ޔަޒްދާން ބިންމަތިން ތެދުވެ، ކުޑަތަންކޮޅަކަށް ހިނގާލި ތަނާ، އޭނާގެ ކަރަށް ލިބިފައިވާ އަނިޔާ މީހުންނަށް ފެނި ހަޅޭއްލަވައިގަތް އަޑު އިވެއެވެ. އަދި އެތާ ތިބި މީހުން އޭނާ ކައިރީ އަވަހަށް އިށީނުމަށް ބުނަމުން ދިޔައެވެ. ޔަޒްދާން އިށީނުމަށް މަސައްކުރަނިކޮށް ފެނިގެން ދިޔައީ ކުއްލިއަކަށް އޭނާ ވެއްޓުނު މަންޒަރެވެ.
ޔަޒްދާން ވެއްޓުމުން، އެ ސަރަހައްދުގައި ހުރި މީހަކު ޓީޝާޓް ބާލަާ، އޭނާގެ ކަރުގައި އޮޅާލައެވެ. އެއްވެތިބި ބައެއް މީހުން އެމްބިއުލާންސަށް ގުޅާށޭ ގޮވާ އަޑު ވެސް އިވެއެވެ.