ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ހުއްޓުވާފިއެވެ.
އިމިގްރޭޝަނުން ބުނީ، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މީހާ އާ ބެހޭ އިތުރު ތަފްސީލު އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ޝަހުސު އޮޅުވާލައިގެން އެމީހާ ރާއްޖެ އެތެރެވާން މަސައްކަތްކުރި އިރު ވަގު ޕާސްޕޯޓާއެކު ރާއްޖެ އެތެރެވާން އުޅުނު ދެ މީހަކު މިއަހަރު ވަނީ ހިފަހައްޓާފައެވެ. އެއީ އުމުރުން 36 އަހަރުގެ ފިރިހެނަކާއި އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.
އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން މިފަދަ މީހުން ހުއްޓުވަމުންނެވެ.
މިގޮތުން، މިދިޔަ އަހަރު މިގޮތަށް ރާއްޖެ ވަންނަން މަސައްކަތް ކުރި 8 މީހަކު ވަނީ ހުއްޓުވާފައެވެ. އެގޮތުން ނަކަލު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެ ވާން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ވަނީ، އުމުރުން 21 އަހަރުގެ އަންހެނަކާއި 47 އަހަރުގެ އަންހެނަކު ހިފަހައްޓާފައެވެ. އަދި ހަމަ އެ ދުވަހު ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑެއް ބޭނުންކޮށް އޮލުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި އުމުރުން 24 އަހަރުގެ އަންހެނަކު ވެސް ވަނީ ހިފަހައްޓައިފައެވެ.
މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި މިދިޔަ ޖުލައި މަހުގެ 27 ގައި 40 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހުއްޓުވާފައެވެ. އިމިގްރޭޝަނުން ވަނީ އެމީހުން އަނބުރާ ފޮނުވާލާފައެވެ.