ތުޅާދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު ހިސާން ހުސެއިން ގާނޫނުލްއުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާހުން އިސްލާމް ދީނަށާ މާތް ﷲ އަށް އަދި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ހަޖޫޖެހުން ގާނޫނަކުން ހުއްދަކުރެވެނީކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުންއުގޫބާތުގެ 124 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކޮށް އެ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ i އަދި ii އަށް އިތުރު ކުރުމަށް ހުށަހެޅިފައިވާ އިސްލާހަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ތައާރަޒުވާ ގާނޫނު އަސާސީއާއި ހިލާފު އިސްލާހެއްކަމުގައި ދެކޭ ކަމަށެވެ.

އެ އިސްލާހުގެ ސަބަބުން ދިވެހިންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނަށާ، މާތް ﷲ އާއި ކީރިތި ރަސޫލާ އަށް ފުރައްްސާރަކޮށް ހަޖޫޖެހުން ގާނޫނަކުން ހުއްދަކުރެވޭކަމަށް ބެލެވޭތީ.
މާލޭ ސިޓީ ކައުންސިލް

12 ކައުންސިލަރުންގެ ސޮޔާއެކު މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކަމާ ދެކޮޅަށް ބަސްބުނާ މީހާ އެ ކުރަނި ކުށެއް ކަމުގައި ކަނޑައެޅުމުގެ އިސްލާހަށް އެ ކައުންސިލުން ދެކޮޅު ކަމަށެވެ. އަދި އިސްލާހު ފާސް ނުކުރުމަށް މަޖިލީހުގައި މާލެސިޓީ ތަމްސީލުކުރާ މެންބަރުންނަށާ، އަދި މަޖިލީހުގެ އެންމެހާ މެންބަރުންނަށް މާލޭ ސިޓީކައުންސިލުން ވަނީ ގޮވާލާފައެވެ.

ބަޔާނުގައި ސޮއިކުރި ކައުންސިލަރުން:

  • މުހައްމަދު މުއިއްޒު - މޭޔަރު
  • އިބްރާހީމް ސުޖާއު - ކައުންސިލަރު
  • ފާތިމަތު ޝަމްނާޒު އަލީ މަލީމު - ކައުންސިލަރު
  • އަހުމަދު އައިފާން - ކައުންސިލަރު
  • އިބްރާހީމް މުހައްމަދު - ކައުންސިލަރު
  • ސައީދާ ރަޝާދު - ކައުންސިލަރު
  • އާއިޝަތު ނާޒިމާ - ކައުންސިލަރު
  • އަހުމަދު ނަރީޝް - ކައުންސިލަރު
  • އައިމިނަތު ޔުމްނާ - ކައުންސިލަރު
  • އިބްރާޙީމް އަބޫބަކުރު - ކައުންސިލަރު
  • އަބްދުﷲ ނާސިރު - ކައުންސިލަރު
  • ނަހުލާ އަލީ - ކައުންސިލަރު

ބަޔާނުގައި ސޮއި ނުކުރާ ކައުންސިލަރުން:

  • އައިޝަތު ނިޒްލީ ރަޝީދު - ކައުންސިލަރު
  • އާދަމް ރަމީޒު - ކައުންސިލަރު
  • މުހައްމަދު ސައިފް ފާތިހު - ކައުންސިލަރު
  • ރީހާން ނާޒިމް - ކައުންސިލަރު
  • މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް - ކައުންސިލަރު
  • އަހުމަދު ޟަމީރު - ކައުންސިލަރު
  • މުހައްމަދު އަރީޝް - ކައުންސިލަރު

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުމެވެ.

މި ބިލަށް ސަލަފުންވެސް ވަނީ ފާޑުކިޔާފައެވެ. ސަލަފުން ބުނެފައިވަނީ މި ބިލް ހުށަހެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލުގެ ނަމުގައި އިސްތިހާރުކޮށްފައި ވަނީ އާންމު ރައްޔިތުންނަށް ބިލުގެ އަސްލު މަގުސަދާ ހަގީގަތް އޮޅުވާލުމަށް ކަމަށާ މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނެއެވެ.