އިހި ނަގަން އުޅުން މަސްވެރިއަކު، ބޮޑުމަހެއްގެ ޝިކާރައަކަށްވެ، އެތީގެ މާސިންގާ އަނގަތެރޭގައި ވަގުތުތަކެއް ހޭދަ ކުރުމަށްފަހު، ދިރިހުއްޓާ ސަލާމަތް ވެއްޖެއެވެ.

އެމެރިކާގެ މަސްވެރިއެއް ކަމަށްވާ މައިކަލް ޕެކާޑް، އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައި ވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު، ބޮޑުމަހެއް އޭނާ ކާލި ކަމަށާ، އަދި 30 ނުވަތަ 40 ވަރަކަށް ސިކުންތަށް ފަހު، އަނެއްކާވެސް ވައިގެ ތެރެއަށް ނޭވާލާން އަރާ، އޭނާ ދޫކޮށްލީ ކަމަށް ޕެކާޑް ބުނެފައިވެއެވެ.

ބޮޑުމަސް އޭނާ ކާން މަސައްކަތް ކުރުމުގެ ސަބަބުން ގިނަ ޒަހަމްތަކެއް ލިބިފައި ވާ ކަމަށާ، ނަމަވެސް އެއްވެސް ކަށިގަނޑެއް ބިންދައިގެން ގޮސްފައި ނުވާ ކަމަށް ޕެކާޑް ބުނެއެވެ.

ހާދިސާ ހިނގި ގޮތް ކިޔައިދެމުން ޕެކާޑް ބުނީ، އޭނާ އުޅުނީ މެސަޝޫޓެސް ސަރަހައްދުގައި އިހި ހިފަން ކަމަށާ، އެއްޗެއް އޭނާ ދަމައިގަތް ކަމުގެ އިހުސާސް ކުރެވުނު ކަމަށާ، ދެން ފެނުނީ ހުރިހާ ތަނެއް އަނިދިރިވެގެން ދިޔަ މަންޒަރު ކަމަށެވެ.

އޭރު އޭނާ ހުރީ 10 މީޓަރު ފުނުގައި ކަމަށާ، އެންމެ ފުރަތަމަ ހީކުރެވުނީ އެއީ މިޔަރެއްގެ ހަމަލާ ކަމަށް، ޕެކާޑް ބުންޏެވެ. ނަމަވެސް ދަތްޕިލައިގެ އުނިކަމާއެކު، ދެވަނަ ވިސްނުމަކަށް ދާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ސެންޓާ ފޮ ކޯސްޓަލް ސްޓަޑީޒްގައި، ބޮޑުމަހުގެ ދިރާސާތައް ކުރަމުން އަންނަ ޖޫކް ރޮބިންސް ބުނީ، ޕެކާޑްގެ ވާހަކަތައް ދޮގު ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެއީ އަސްލެއް ނެތް ވާހަކައެއް ކަމަށް ބުނަން ދަތި ކަމަށާ، އެހެނީ، އެކަމުގައި ޝާމިލުވި މީހުންނަކީ އޭނާ ދަންނަ ބަޔަކަށް ވުން ކަމަށްވެސް ރޮބިންސް ވަނީ ބުނެފައެވެ.