ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ބޯޑުގެ މޭޔަރުންގެ ގޮނޑި ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ކާމިޔާބު ކުރައްވާފިއެވެ.

އެ އިންތިހާބުގައި އިއްސެ އާއެކު ވާދަކުރެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއެވެ.

އެލްޖީއޭގެ އިންތިހާބު މިއަދު ބާއްވާފައިވާއިރު އިއްސެ އިންތިހާބު ކާމިޔާބު ކުރެއްވީ 24 ވޯޓުންނެވެ. މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

އެގޮތުން މާލޭގައި ބެހެއްޓި ވޯޓު ފޮށިން އިއްސެއަށް ހަ ވޯޓު ލިބުނު އިރު މުއިއްޒުއަށް ލިބިވަޑައިގެންނެވީ 13 ވޯޓެވެ. ފުވައްމުލަކުގައި ބެހެއްޓި ފޮށިން އިއްސެ އަށް ފަސް ވޯޓު ލިބުނުއިރު މުއިއްޒު އަށް ލިބިވަޑައިގެންނެ އެއް ވޯޓެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ފޮށިން ހުރިހާ ވޯޓެއް އިއްސެއަށް ލިބުނުއިރު އައްޑޫގައި ބެހެއްޓި ދެ ފޮށިން އިއްސެއަށް ހަ ވޯޓު އަދި މުއިއްޒަށް ހަތް ވޯޓު ވަނީ ލިބިފައެވެ.

އެއިންތިހާބު މިއަދު ބާއްވާފައިވަނީ ހެނދުނު 10:00 އިން 11:00 އަށެވެ. އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުންގެ ފަރާތުންނެވެ.