މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދެބައިވެއްޖެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެއްބސްވެ ވަޑައިގެންފިއެވެ.
ލަތީފް ވިދާޅުވީ އެމްޑީޕީގެ މަސައްކަތްތައް ދެބައިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީ ވެސް އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުމުން (ރައީސް ސޯލިހު) ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ކަމަށްވާ އަލިފުށީ ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، ޕާޓީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ސަރުކާރުން ކުރަން ބޭނުން ނުވުމުން ކަމަށެވެ. އަދި ހާއްސަކޮށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ކޮރަޕްޝަންގެ އެހެން މައްސަލަތަކުގައި ސަރުކާރުން ފޫކަހަން ފެށުމުން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެމްޑީޕީ ދެބައިވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ފިޔަވަޅުއަޅާ ކޮމިޓީގެ ބޭނުމަކީ ޕާޓީގެ އަސާސްތަކާ ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އެޅުން ކަމަށާ އެފަދަ މީހުން ޕާޓީން ވަކިކުރުން ކަމަށެވެ.
އެލެކްސް އަހުމަދު ބުނެފައި ވަނީ "މި އޮޑިއެއް ނުފެތޭނެ ކަމަށާ މި އަޒުމެއް ނުގުޑާނެ" ކަމަށެވެ. އަދި ޕާޓީގެ ޗެއާ ވިދާޅުވަނީ ރަނގަޅަށް ކަމަށާ ސަރުކާރުން ބޭނުން ވަނީ އެމްއެމްޕީއާރުސީގެ މައްސަލައާ މަރުތަކުގެ މައްސަލަ އޮއްބާލަން ކަމަށެވެ. އަދި މިކަން ކުރަން ޕާޓީގެ ގިނަ މެންބަރުން ބޭނުން ނުވާކަމަށާ، އެހެން ނަމަވެސް ޕީޖީ އާއި އެސްޖީ އެ މަގަށް ލޮބީ ކުރަނީ ރައީސް ގެ ނަމުގައި ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވާއިރު، ރާއްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނަ ކޮމިޓީތަކުގައިވެސް އެ ޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ބިގޭއަށެވެ. އެއީ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ނުވުމަށް ޑިފެންސުން ނިންމި މައްސަލައިގައި ދައުވާކުރަން ބޭނުންވެގެން ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރި ކޮމިޓީން މައްސަލަ ބޭރުކޮށްލުމަށް އޭނާ ވޯޓު ދެއްވުމާ ގުޅިގެންނެވެ.