ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާ އެފަދަ ފުރުސަތެއް ނެދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ ކޮވިޑްގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށް ވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގާ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ވެސް މިފަދަ ކަންކަމަށް ތަނެއް ނުދޭ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން، މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން.
ފުލުހުން

ފުލުހުން އިތުރަށް ބުނެފައި ވަނީ މިއީ އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތުކަމަށެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ މިރޭޔޫރޯ ފްޓްބޯޅަ މުބާރާތް ފެށޭތީ، ބައެއް ފަރާތްތަކުން ގިނަ ބަޔަކަށް އެއްފަހަރާ ބެލޭނެހެން ބޮޑުސްކްރީން ހަރުކޮށް ހަދާތީއެވެ.