ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ވަނީ ތޮރުފާލައި އަންދާލައި ފިހެލާފާ ކަމަށް އެމްޑީޕީގެ ސްޕޯކް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މޭ 6، 2021 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރޭ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވަނީ މިވަގުތު މަޖިލީހުގެ ރިޔާސަތުގައި އެހެން ބޭފުޅުންތަކެއް ތިއްބެވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައްޔާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހޭ ބޭފުޅާ (ނަޝީދު) ވަނީ ތޮރުފާލާ، އަންދާލާ، ފިހެލާފަ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބުން ބޭސްފަރުވާ ކުރުމަށް ޓަކައި ރާއްޖޭން ބޭރުގައި މިވަގުތު އެ އޮންނަވަންޖެހިވަޑައިގަންނަވަނީ. އޭގެ ސަބަބާހުރެ މި ގައުމީ މަޖިލީހުގައިވެސް ބައިވެރިވެވަޑައިނުގެންނެވެނީ އަދި މަޖިލީހުގެ ރިޔާސަތުވެސް ނުބެލެހެއްޓެނީ.
އިމްތިޔާޒް ފަހުމީ

އިންތި އިތުރަށް ވިދާޅުވީ މިއީ އާދައިގެ ކަމެއް ނޫން ކަމަށާ މިކަމުގެ ބޮޑުމިނާއި ސީރިއަސްކަމާ ގާތަށްވެސް ރިއެކްޝަނެއް ދިވެހި ސަރުކާރުގެ ފަރާތުން ފެންނަމުން ނުދާތީ އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ އިސް އެއް ވެރިއަކަށް މިފަދަ ބޮޑު ހަމަލާއެއް ދީފައި ވާއިރު މިހާ ކުޑަ ރިއެކްޝަނެއް ފެނުނު ގައުމެއް މި ނޫނީ ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިންތި ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އިންތި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުންދާގޮތް ބެލުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ގަރާރަށް ތާއީދުކުރައްވާފައެވެ.

މި ގަރާރު ބިނާވެގެން ވަނީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ. އެއީ ސަރުކާރާއި ތަހުގީގީ އިދާރާތަކުން ހިންގަމުންގެންދާ ތަހުގީގުތަކާއި އެ ތަހުގީގާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ޕާޓީގެ ފަރާތުން ބަލަމުން ގެންދިޔުމަށާ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުގެ ހަފަރާތް ނުހޯދިއްޖެނަމަ، ދިވެހި ދައުލަތުގެ ސިފަތައް ދައުލަތުން ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ.

އަދި ބަޔާންކުރި ކަންތައްތަކުގެ ބިރުވެރިކަމާ ކަންބޮޑުވުމާއެކު ރައީސް ނަޝީދަށް އިންސާފު ގާއިމު ކުރުމަށް މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އުޅޭ އެމްޑީޕީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ކެނޑިނޭޅި ގޮވަމުން ދާ ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ ފަރާތުން މިކަން ގާތުން ބަލާނެ ހާއްސަ ކޮމިޓީއެއް އުފެއްދުމާ ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުން މަތީ ތިބުމެވެ.