އަވަށްޓެރި އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، މުމްބާއީގައި އާންމުން ދިރިއުޅެމުން ދިޔަ އިމާރާތެއް ވެއްޓި، މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 8 ކުޑަކުދިންވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ. މަލާދް ސަރަހައްދުގައި ހިނގި މި ހާދިސާގައި ވެއްޓިފައި ވާ އިމާރާތުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ފުލުހުން ބުނީ، އިމާރާތުގެ ބައިތަކުގެ ދަށުން 18 މީހަކު ނެގި ކަމަށާ، ނަމަވެސް ފުރާނަ ހުރީ އެންމެ 7 މީހެއްގެ ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި 2 ފަންގިފިލާއަށް ހުރި އިމާރާތް ވެއްޓުނީ އެއާ އިންވެގެން ހުރި ތަނެއްގެ މައްޗަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ތަހުގީގު ކުރުމަށް އަމުރު ނެރެފައި ވީ ނަމަވެސް، މި ދުވަސްވަރަކީ މުމްބާއީއަށް ގަދައަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެއް ކަމުން، މި މަސައްކަތަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ހުރި ބަލި ގެތަކުގައި ދިރިއުޅެމުންދާ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މޫސުމީ ވިއްސާރައިގެ ދުވަސްވަރު، އިމާރާތްތައް ވެއްޓުމަކީ އިންޑިއާގައި އާންމުކޮށް ހިނގާ ކަމެކެވެ.