ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ރެކޯޑް ރާޅަކާ ކުރިމަތިލާންޖެހި، އެކަމުން ފުރިހަމަ އަށް އަރައި ނުގަނެވި އޮތް އަވަށްޓެރި އިންޑިއާއަށް މޫސުން ގޯސްވެ، އިތުރު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާ ކުރިމަތިލާންޖެހިފައި ވާއިރު، ކޮވިޑްގެ ތޫފާން އެންމެ ބޮޑުވި މުމްބާއީ، އަދި މުމްބާއީގެ ކައިރީގައިވާ ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޒާރު ކޮށްފައެވެ.

ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުން ފަށައިގެން ގަދައަށް ވިއްސާރަ ކުރަމުން ދާއިރު، ދަތުރުފަތުރުގެ ހިދުމަތްތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ، މިމްބާއީ އަދި އަވަށްޓެރި ސަރަހައްދުތަކަށް "ރެޑް އެލާޓް" ނެރެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދުރުފެނުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައި ވާއިރު، މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި މިފަދަ ހާދިސާތަކެއްގެ ރިޕޯޓެއް އަދި ނުލިބެއެވެ. ނަމަވެސް ފެންގަނޑު ބޮޑުވުމުގެ ސަބަބުން ބައެއް މީހުން މަގުތަކަށް އެއްގަމު އުޅަނދުތައް ދޫކޮށްލާފައި ދިއުމުގެ ސަބަބުން، ކްރޭން ބޭނުންކޮށްގެން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

މުމްބާއީ އޮންނަ މަހާރާޝްތުރާއަށް މޫސުން ގޯސްވެފައި ވާއިރު، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޔޫދާވް ތަކަރޭ ވަނީ، ވީ އެންމެ އަވަހަށް ފެންގަނޑު ހިންދާ، ދަތުރުފަތުރުގެ ހިދުމަތްތައް އާންމު އުސޫލުން ފެށޭނެ ގޮތް ކަށަވަރު ކުރުމަށް ގޮވާލާފައެވެ.

4 ދުވަހުގެ މުއްދަތަށް، ޕޫނާގައިވެސް ވަނީ މޫސުމީ އޮރެންޖު އެލާޓް އިއުލާން ކޮށްފައެވެ.

މި ފަހަކަށް އައިސް، ވިއްސާރައިގެ ތޫފާންތަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ، އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރަކަމަށް ބަޔާންކޮށްފައެވެ.