އަފްގާނިސްތާނުގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ބަޣްލާންގައި ވަޅުލާފައިވާ މައިންތައް ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ބަޔަކަށް އަމާޒުކޮށް ހަމަލާ ދީ، 10 މީހުން މަރާލާ، އިތުރު ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ހަނގުރާމަވެރި އައިސިސް ޖަމާއަތުން ހިންގި މި ޖަރީމާގައި މަރާލާފައި ވަނީ ހޭލޯ ޓްރަސްޓަށް މަސައްކަތް ކޮށްދެމުން ދިޔަ 10 މީހެކެވެ.

މައިން ސާފުކުރާ މީހުންނަށް އައިސިސް އިން ހަމަލާ ދީފައި ވަނީ، މުޅި ދުވަހު މައިން ސާފުކުރުމުގެ މަސައްކަތުގައި ހޭލޯ ޓްރަސްޓްގެ ޓީމުން އުޅުމަށްފަހު، އެ ޓީމުން ދިރިއުޅެމުންދާ ތަނުގެ ތެރެއަށް ވަދެ ގަތުމަށް ފަހުގައެވެ.

މި ހަމަލާއަކީ އައިސިސްގެ ހަމަލާއެއް ކަމަށް އެ ޖަމާއަތުން ބުނި ކަމުގައި ވީ ނަމަވެސް، އަފްގާނިސްތާނުގެ ސަރުކާރުން ތުހުމަތުގެ އިނގިލި އަމާޒު ކުރަނީ ތޯލިބާނުންނަށެވެ. ނަމަވެސް ތޯލިބާނުން ދަނީ، މިކަމުގައި އެ ޖަމާއަތުގެ ދައުރެއް އޮތް ކަމަށް، ސަރުކާރުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ހޭލޯ ޓްރަސްޓްގެ ސީއީއޯ، ޖޭމްސް ކޯވަން ވިދާޅުވީ، ހާދިސާއަށް ފަހު، އެ ޓީމުގެ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތޯލިބާނުން އެއްބާރުލުން ދިން ކަމަށެވެ.

ދިގުލާ ގޮސްފައިވާ ހަނގުރާމައަކަށްފަހު އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ފައުޖުތައް، މެއި 1 ވަނަ ދުވަހުން ފަށައިގެން އަފްގާނިސްތާނުން ބާލަން ފެށިފަހުން، އަފްގާނިސްތާނުގެ މަސްރަހު އަނެއްކާވެސް ވަނީ އިންތިހާއަށް ނުތަނަވަސް ވެފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔަ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތައް އެ ގައުމު ދޫކޮށް ދާން ފަށާފައި ވާ މި ދަނޑިވަޅަކީ، އަފްގާނިސްތާނުގެ ސަރުކާރާއި ތޯލިބާން ޖަމާއަތާ ދެމެދު ކުރިއަށް ގެންދަން މަސައްކަތް ކުރާ ސުލްހައިގެ މަޝްވަރާތައް، ކޮޅެއްގައި ނުޖެހި، ހުއްޓިފައި ވާ ދަނޑިވަޅެކެވެ.

އައިސިސްގެ ހަމަލާ އަމާޒުކުރި ހޭލޯ ޓްރަސްޓުން އަފްގާނިސްތާނުގައި ހަރަކާތްތެރިވާތާ 30 އަކަށް އަހަރުވެއްޖެއެވެ. އެ ޓީމުގެ މެންބަރުންނަކީ އަފްގާނިސްތާނުގެ އެންމެ ކުރީ ސަފަށް ނިކުމެގެންވެސް މަސައްކަތް ކުރަމުންދާ ޓީމެކެވެ. އެ ޓީމުގެ 3000 އެއްހާ މުވައްޒަފުން އަފްގާނިސްތާނުގައި ހަރަކާތްތެރިވެއެވެ. ހޭލޯ ޓްރަސްޓަށް އަމާޒުކޮށް އައިސިސްއިން އެންމެ ފަހުން ދިން ހަމަލާއަކީ، އަފްގާނިސްތާނުގެ އާންމުންގެ މެދުގައި ނަސްލީ ބައިބައިވުންތައް އުފައްދަން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެވެއެވެ.